10 އެޕްރީލް 2025 - 16:09

ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލޭ ހިތްގައިމު މަންޒަރާ ގުޅުވައި އަސޫސް ކުންފުނީގެ ލެޕްޓޮޕެއް ޑިޒައިންކޮށް އެ ލެޕްޓޮޕަށް އެ ރަށުގެ ނަން ދީފި އެވެ.

އަސޫސްގެ ހާއްސަ ޒެންބުކްގެ ސިގްނޭޗާ އެޑިޝަން ސީރީޒްގެ މި އާ ޑިޒައިންތައް ދައްކާލީ އިޓަލީގެ ވެރިރަށް މިލާންގައި ކުރިއަށްދާ "ޑިޒައިން ޔޫ ކޭން ފީލް" އެގްޒިބިޝަން" ގައި މި މަހުގެ ހަތް ވަނަ ދުވަހު އެވެ.

މި ލެޕްޓޮޕްތަކުގައި ގުދުރަތީ ރީތި އެކި މަންޒަރުތައް ސިފަކޮށްދީފައި ވާއިރު ވާދޫއަށް ނިސްބަތްކޮށްފައިވާ ލެޕްޓޮޕަށް ދީފައިވާ ނަމަކީ "ވާދޫ އައިލެންޑް، މޯލްޑިވްސް - ލުމިނަސް ބްލޫ" އެވެ.
މި ލެޕްޓޮޕް ޑިޒައިންކޮށްފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ވަކި މޫސުމަކަށް ރޭގަނޑު ރެދަނުން ގޮނޑުދޮށް ދިއްލޭ މަންޒަރުގެ ފޮޓޯތަކުގެ ތެރެއިން އިންޓަނެޓްގައި މަޝްހޫރުވެފައިވާ ރ. ވާދޫގެ ފޮޓޯ އަސްލަކަށް ބަލައިގެންނެވެ.
އެ ފޮޓޯގައި ވާދޫގެ ގޮނޑުދޮށް ނޫކުލައިގެ ތަރިތަކެއްހެން ވިދާ ބަބުޅާ މަންޒަރު ފެންނަ ގޮތަށް ލެޕްޓޮޕްގައި ވެސް ހިތްގައިމު ޓެކްސްޗާއަކާ އެކު އެގޮތަށް ސިފަކޮށްދީފައިވެ އެވެ.
ވާދޫގެ އެ ފޮޓޯ އަކީ ރެދަނުން ދިއްލޭ ގޮނޑުދޮށްތަކުގެ ފޮޓޯތަކުގެ ތެރެއިން މުޅި އިންޓަނެޓުގައި ވެސް ވަރަށް އާންމު ފޮޓޯއެކެވެ.
ވާދޫގެ މި މަންޒަރުގެ އިތުރުން ދެން އައިސްލެންޑް، ތުރުކީ އަދި ޖޯޑަންގެ ގުދުރަތީ ރީތި މަންޒަރުތަކުން ހިޔާލު ހޯދައިގެން ޑިޒައިންކޮށްފައިވާ ލެޕްޓޮޕްތައް ވެސް ވަނީ އަސޫސް އިން ތައާރަފްކޮށްފަ އެވެ.