10 އެޕްރީލް 2025 - 13:32

އެޗްޑީސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން 17 މީހަކު ސަސްޕެންޑުކުރި ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށްފައި ވާއިރު އެކަކު އަމިއްލައަށް ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާކީތިބި 13 މީހުންގެ ސަސްޕެންޝަން އުވާލުމުން މިހާރު އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މުވައްޒަފުން މަގާމުން ވަކިކޮށް، އަނެއްކާވެސް ވަޒީފާ ދީ، ސަސްޕެންޑުކުރި އެވެ.
އެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލީ ޖިނާއީ ތަހުގީގަށްފަހުގަ އެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފެށީ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމުންނެވެ. އެއާ އެކު އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އެ މައްސަލައިގައި ފަޒުލްއަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތެވެ.