10 އެޕްރީލް 2025 - 12:05

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެ އިން ފޯރުކޮށްދީފި އެވެ.
މިދިޔަ އަހަރު ވެސް ޒަކާތު ފަންޑުގެ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސް އަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާއަށް ކަނޑައެޅި ފައިސާ އިން، އެ ގައުމުގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓްރީން އާންމުކުރި ވީޑިއޯގައި ވެސް އިޒްރޭލުގެ ހަމަލާތަކުގައި ގެތައް ހަލާކުވެފައިވާ ސަރަހައްދުގައި އުޅޭ މީހުންނަށް، ކާބޯތަކެތީގެ ފޮށިތައް ހަވާލުކުރާ މަންޒަރު ފެނެ އެވެ. ފޮށިތަކުގައި ވެސް އެއީ ރާއްޖޭގެ ޒަކާތު ހައުސް އިން ގައްޒާގެ ރައްޔިތުންނަށް ދޭ އެހީތެރިކަން ކަމަށް ލިޔެފައިވެ އެވެ.
މީގެ ކުރިން ވަނީ ޒަކާތު ފަންޑުގެ އެހީގައި އެ ގައުމުގެ ރައްޔިތުންނަށް ބޯފެން ވެސް ފޯރުކޮށްދީފަ އެވެ.
އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.