ޑިފެންސް ކުރުމަކީ ގާޑިއޯލާގެ ސްޓައިލެއް ނޫން
ޑިފެންސް ކުރުމަކީ ގާޑިއޯލާގެ ސްޓައިލެއް ނޫން

ޕެރިސް (މާޗް 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ހަމައެކަނި ޑިފެންސަށް ވިސްނައިގެން ނުކުޅޭނެ ކަމަށާއި އެއީ އޭނާގެ ސްޓައިލެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު ވަނީ 5-3 އިން މޮނާކޯ ބަލިކޮށްފަ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ކުއާޓާ ފައިނަލުގެ ފުރުސަތު އެބައޮތެވެ.

ގާޑިއޯލާ ބުނީ މެޗަށް ނުކުންނާނީ މޮޅެެއް ހޯދުމަށް ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅަށް ޑިފެންސް ކުރެވޭނީ އެޓޭކިން ގޭމެއް ކުޅެގެން ލަނޑު ޖަހައިގެން،" ކޯޗެއްގެ ގޮތުގައި ޔޫރަޕްގައި 100 ވަނަ މެޗަށް ނުކުތުމުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

މޮނާކޯ ވަނީ މި ސީޒަނުގައި އެ ޓީމު ކުޅުނު ހުރިހާ މުބާރާތެއްގައި މިހާތަނަށް 123 ލަނޑު ޖަހައިފަ އެވެ. ގާޑިއޯލާ ބުނީ މިއީ ސިޓީން ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.

"ގިނަ ލަނޑު ޖަހާފައި އޮތް ޓީމަކާ ދެކޮޅަށް ނުކުންނައިރު އަހަރެމެން ހަމައެކަނި ޑިފެންސްކުރަން ނުކުތުމަކީ އަހަރެމެންނަށް ކުރެވޭނެ މޮޔަކަމެއް،" ގާޑިއޯލާ ބުންޏެވެ. "މޮނާކޯ ކޮޅަށް ފަސް ލަނޑު ޖެހުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އަހަރެމެންނަށް އެކަން ވެސް ކުރެވިއްޖެ. އަމާޒަކީ މި މެޗުގައި ވެސް އިތުރު ލަނޑުތަކެއް ޖެހުން."

މިރޭގެ މެޗަށް ސިޓީގެ އިލްކާއި ގުންޑޮގާން އާއި ލިރޯއީ ސާނޭ ނޫން ހުރިހާ ކުޅުންތެރިން ފިޓްކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ބުނީ އެ ޓީމުގެ އަމާޒަކީ ތިން ލަނޑު ޖެހުން ކަމަށެވެ.

"ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެން އަވޭ ގޯލުން ދެވެން އެބައޮތް. އެކަމަކު އަހަރެމެން ވިސްނާނީ ތިން ގޯލު ޖަހަން. އެއީ ފަސޭހަ ގޮތަކީ. ސިޓީ އަކީ އެޓޭކިން ޓީމެއް. އަހަރެމެންނަށް އެނގޭ އެ ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރު،" ޖާޑިމް ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޔޫރަޕްގެ މުބާރާތެއްގައި ފްރާންސްގެ ޓީމެއް އަތުން މީގެ ކުރިން އެ ޓީމު ބަލިވެފައިނެތުމެވެ. ހަތަރު މެޗު ކުޅުނުއިރު ދެ މެޗުން ސިޓީ ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނަމަވެސް މޮނާކޯ ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި އިނގިރޭސި ކްލަބަކާ ޖެހުނު ތިން ފަހަރު ވެސް ކުރިހޯދައިފަ އެވެ. އެއީ 1997/1998 ވަނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާއި 2003/2004 ވަނަ އަހަރު ޗެލްސީގެ އިތުރުން 2014/2015 ވަނަ ސީޒަނުގައި އާސެނަލް އަތުންނެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.