10 އެޕްރީލް 2025 - 08:55

ފާއިތުވި ހަތަރު އަހަރުގެ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ކްލަބް ވެމްކޯ އާއި ހަތަރު ފަހަރުގެ ރަނަރަޕް ޕޮލިސް ކްލަބް މި އަހަރުގެ މުބާރާތް މޮޅަކުން ފަށައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވެމްކޯ ފުރަތަމަ މެޗުން މޮޅުވީ އަސްދިގާ ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ވެމްކޯ 25-5، 25،14 އަދި 25-7 އިން ކާމިޔާބު ކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު މާޖިދާ އެވެ.
ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ޕޮލިސް ވާދަކުރީ ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ ސްޕޯޓްސް) އާ އެވެ. ޕޮލިސް މެޗުން މޮޅުވީ 25-17، 25-15 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ ސޯފިއާ ކްރޭކާ އެވެ.
ވެމްކޯ އާއި ޕޮލިސް ވެސް މިދިޔަ އަހަރު ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް ފައިނަލް ކާމިޔާބު ކުރީ ވެމްކޯ އެވެ. އެޓީމު 25-19، 25-23، 13-25 އަދި 25-21 އިން ކާމިޔާބު ކުރި ފައިނަލްގެ މޮޅު ކުޅުންތެރިޔަކީ ވެސް މާޖިދާ އެވެ.
ޕޮލިހާއި ޖީޖީގެ އިތުރުން ޕޫލް އޭ ގައި ހިމެނެނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި، ހުރާ ކޮމިއުނިޓީ ކްލަބެވެ. ޕީލް ބީގައި ހިމެނެނީ ވެމްކޯ އާއި އަސްދިގާގެ އިތުރުން ފްލެކްސާ ސްޕޯޓްސް ކްލަބް އަދި ސިޓީ ފްރެންޑްސް ކްލަބެވެ.
ޖީޖީ އާއި ހުރާ އަދި ފްލެކްސާ އާއި ސިޓީ ފްރެންޑްސް މުބާރާތަށް ކޮލިފައި ވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށް ގެންދިޔަ ޕްރިލިމިނަރީ ބުރުގެ ގަދަ ހަތަރު ޓީމުގެ ގޮތުގަ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ވޮލީބޯލް ޔޫތާއި ހުރާ އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފްލެކްސާ އާއި ސިޓީ ފްރެންޑްސް އެވެ.
އެސޯސިއޭޝަން ކަޕަށް ފަހު ދެން އޮންނާނީ ގައުމީ ލީގުގެ އަންހެން ޑިވިޝަނެވެ. އެސޯސިއޭޝަން ކަޕްގެ އަށް ޓީމުގެ ތެރެއިން ގަދަ ހަ ޓީމު، ގައުމީ ލީގަށް ހޮވޭނެ އެވެ. ލީގު ތާވަލު ކޮށްފައި ވަނީ މި މަހުގެ 28 އިން ފެށިގެން އަންނަ މަހުގެ 2 އަށެވެ.