10 އެޕްރީލް 2025 - 05:48

ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތުގެ ގެއަށް މި މަހު ފޮނުވި ކަރަންޓު ބިލު ބޮޑުވެގެން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.
ކަންގަނާ މިދިޔަ އަންގާރަ ދުވަހު އޭނާގެ ދާއިރާ، މަންޑީގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ބުނީ މި މަހު އޭނާގެ ގެއަށް ވަރަށް ބޮޑު ކަރަންޓު ބިލެއް ފޮނުވާފައިވާ ކަމަށެވެ. އިންޑިއާގެ މަނާލީގައި ހުންނަ އޭނާގެ ގެއަށް މި މަހު ފޮނުވި ކަރަންޓު ބިލަށް 100،000 އަށް ވުރެ ގިނަ ރުޕީސް އަރާފައިވާ ކަމަށް ބުންޏެވެ.
ކަންގަނާ ބުނީ އޭނާ މިހާރު އެ ގޭގައި ދިރިނޫޅޭއިރު، ކަރަންޓު ބިލަށް އެހާ ބޮޑު އަދަދެއް އެރުމުން ހައިރާންވެފައި ހުރި ކަމަށެވެ.
މަޖިލިސް މެމްބަރަކަށް ވުމުން ކަންގަނާ މިހާރު ދިރިއުޅެނީ ނިއު ދިއްލީގަ އެވެ.
ކަރަންޓު ބިލު ބޮޑުވުމުން ކަންގަނާ ވަނީ ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"މިއީ ވަރަށް ދެރަކަމެއް. ބިލު ބަލައިފައި އަހަރެން ލަދު ވެސް ގަތް، މިހެން މިކަން ވާތީ،" ކަންނަގާ ބުންޏެވެ.
"އަހަރެމެން އެންމެން އެބަޖެހޭ މި ގައުމުގެ، މި ސްޓޭޓުގެ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތްކުރަން. އަހަރެން ބުނާނީ މިއީ މަކަރުވެރިންނޭ، އަހަރެމެން މި މަކަރުވެރިން ކައިރިން ސަލާމަތްވާން ޖެހެޔޭ."
މަޖިލިސް މެމްބަރަކަށްވި ފަހުން މިދިޔަ ފެބްރުއަރީ މަހު ކަންގަނާ ވަނީ އޭނާގެ އާ ފިލްމު "އިމަޖެންސީ" ވެސް ޕްރިމިއާކޮށްފަ އެވެ. ނަމަވެސް، އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.