09 އެޕްރީލް 2025 - 13:54

އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މިދިޔަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއާ އެކު، ޕާޓީ ބަދަލުކުރި ކުރީގެ ދެ މެންބަރަކަށް ސަރުކާރުގެ ދެ ކުންފުންޏަކުން ވަޒީފާ ދީފި އެވެ.
އެއީ ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމާއި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމަށެވެ.
ޣަނީ ހަމަޖެއްސީ އެގްރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ. ޝަހީމް އައްޔަންކުރީ އެމްއޭސީއެލްގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުނު ކާމިޔާބީއާ އެކު، އޭރު އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު ޕީއެންސީއަށް ސޮއި ކުރެއްވި އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަށް ކުރިމަތިނުލައްވަ އެވެ.
ނަމަވެސް، ޣަނީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއިދު އޮތް ކަމަށް ވިދާޅުވެ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައިފަ އެވެ. އެކަމަކު، އޭނާއަށް އެ އިންތިހާބު ކާމިޔާބެއް ނުކުރުވުނެވެ.