ކެމެރާމަން ޒަރީރަށް ކުރި ހުކުމް އިސްތިއުނާފަށް ހުުށަހަޅައިފި
ކެމެރާމަން ޒަރީރަށް ކުރި ހުކުމް އިސްތިއުނާފަށް ހުުށަހަޅައިފި

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރު ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވާ ކަމަށް ނިންމައި، އޭނާ ޖޫރިމަނާ ކުރަން ކުރި ހުކުމް ޒަރީރުގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.

ފުލުހުންނަށް ހުރަސް އެޅިކަން ޒަރީރުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 3،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މާޗް، 2015 ގައި ބޭއްވި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް މައްސަލައިގަ އެވެ.

އެ މައްސަލަ ޒަރީރުގެ ފަރާތުން އިއްޔެ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް ޒަރީރުގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވި އެވެ.

ޒަރީރުގެ މައްޗަށް ސާބިތުވި ކުށަށް ޖަލަށްލުމުގެ އަދަބު ދެވޭ ގޮތަށް އޮތަސް އޭނާ އަށް ޖޫރިމަނާގެ ހުކުމެއް އައީ މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އެވެ.

ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ވެސް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދައުވާއެއް ސާބިތުވެ، ޖޫރިމަނާގެ ހުކުމެއް އައިސްފަ އެވެ. އެ މައްސަލަ ވެސް އެ ދެ ނޫސްވެރިންގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.

މީގެ އިތުރުން އެތަނުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ވެސް ވަނީ، ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލަ ވެސް އޮތީ ނިމުމަކާ ގާތުގަ އެވެ.