16 މާޗް 2017 - 06:11

އިސްލާމް ދީނަކީ އެއްވެސް ކަމެއްގައި ވަކި އަތަކަށް ބުރަނުވެ ވަޒަން ހިފަހައްޓާ ދީނެކެވެ. އަންހެނުންނާއި ފިރިހެނުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގައި ވެސް ވަޒަން ހިފަހައްޓަ އެވެ. އެއީ ފިރިހެނުންނަށް ބޭއިންސާފު ވުމެއް ނެތި އަންހެނުންނަށް ވެސް އަދުލުވެރި ވެގެންނެވެ. މިފަދައިން އަދުލުވެރި ވުމަށްޓަކައި އިސްލާމް ދީން ދެ ބާވަތެއްގެ ބޭއިންސާފުން އަންހެނުން ސަލާމަތް ކޮށްދެ އެވެ.
އެއް ބާވަތަކީ މުސްލިމުންގެ މެދުގައިވާ ތަންދޮރު ނުދަތުމުގެ ސަބަބުން އަންހެނުންނަށް ލިބޭ ބޭއިންސާފެވެ. އިސްލާމް ދީން ރަނގަޅަށް ދޭހަނުވުމުގެ ސަބަބުން، އަންހެނުންނަކީ ގޭގައި ބަންދުވެގެން ތިބެން ޖެހޭ ބައެއް ކަމަށް ބަލަ އެވެ. މިސްކިތަކަށް ނުވަތަ މަދަރުސާއަކަށް ދިއުމެއް ނޯންނާނެ ކަމަށް ދެކެ އެވެ. ކައިވެނި ކުރުމުގައި އަންހެނާގެ އިޒުނަ އަށް ބެލުމެއް ނުވާ ކަމަށް ދެކެ އެވެ. މުދާ މިލްކު ކުރުމާއި ވިޔަފާރިކުރުން ފަދަ އެތައް މުއާމަލާތަކުން މަހުރޫމު ކުރެ އެވެ. އަންހެނުންނަކީ ފިރިހެނުންގެ "އަޅުން" ކަމަށް ދެކެ އެވެ. އަދި އަންހެނުންނަށް ނިސްބަތްވާ ގޮތުން ސައްހަ ނޫން ބައެއް ހަދީސްތައް ފަތުރައި އެގޮތަށް އަމަލު ކުރެ އެވެ.
ދެ ވަނަ ބޭއިންސާފަކީ މި ޒަމާނުގެ ޖާހިލިއްޔަތުގެ ސަބަބުން ލިބޭ ބޭއިންސާފެވެ. އެއީ އަންހެނުން އެ މީހުންގެ ފިތުރަތުން ބޭރުކޮށް ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ދިނުމުގެ ސަބަބުން ލިބޭ ބޭއިންސާފެވެ. މި ދެންނެވި ފަދަ މިނިވަންކަން ދިނުމުން ކައިވެނީގެ ޒިންމާތަކާއި މައިވަންތަކަމުގެ ޒިންމާތަކަށް އިހުމާލުވާ ތަން ފެނެ އެވެ. އަންހެންވަންތަކަން އެއްފަރާތް ކޮށްލާ ތަން ފެނެ އެވެ. އެކި ކަހަލަ ނުބައި ފާހިޝް ކަންކަމަށް ހިތްވަރު ދޭ ބައެއް ކަމުގައި އަންހެނުން ހަދާ ތަން ފެނެ އެވެ. މި ކަންކަން މިގޮތަށް ހުއްޓަސް ބައެއް މީހުންނަށް މުހިންމު ވަނީ ހައްދެއް ނެތް މިނިވަންކަން އަންހެނުންނަށް ލިބުމަށެވެ. އެކަމަކު މިއީ ހަގީގަތުގައި އަންހެނުންނަށް ވެވޭ ބޭއިންސާފެކެވެ.
މި ދެ ބާވަތުގެ ބޭއިންސާފުން ވެސް އިސްލާމް ދީން އަންހެނުން ސަލާމަތް ކޮށްދެ އެވެ. އަންހެނުންނަށް ހައްގުވާ ދަރަޖަ އަންހެނުންނަށް ދެ އެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން އަދި މާތް ޞަޙާބީންގެ ޢަމަލުފުޅުތަކުން މިކަން ސާބިތު ވެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަންހެނުންނާއި ފިރިހެނުންނާ ދެމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުވެ އެވެ.
އެހެނީ އަންހެނުންނަކީ ފިރިހެނުންގެ މަންމައިންނާއި މާމައިންނެވެ. އެ މީހުންގެ އަންހެން ދަރިންނެވެ. އެމީހުންގެ އަނބިންނެވެ. އެމީހުންގެ އުޚުތުންނެވެ. އެމީހުންގެ ބޮޑުދައިތައިންނެވެ. މިފަދަ ގާތް ބަޔަކާ މެދު ދެކޮޅުވެރިކަމެއް އޮތުމަށް އިސްލާމް ދީން ބާރެއް އަޅަންވީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟ އިސްލާމީ ޢަޤީދާ އާއި ޝަރީޢާ އާއި ޙަޟާރަތު މިފަދަ ކަމަކަށް ތަރުހީބެއް ނުދެ އެވެ. އޭގެ ބަދަލުގައި ތަފާތު އެކި ހައިސިއްޔަތުތަކުން އަންހެނުންނަށް މާތްކޮށް ހިތައި އަދުލުވެރި ވެ އެވެ.
މިގޮތުން އެންމެ ފުރަތަމަ އިންސާނެއްގެ ހައިސިއްޔަތުންނެވެ. އިސްލާމް ދީނަކީ އިންސާނުންގެ އިންސާނިީވަންތަކަން ޖިންސުގެ ތަފާތު ކުރުމަކާ ނުލައި ކަށަވަރު ކޮށްދޭ ދީނެކެވެ. އިންސާނެއްގެ ހައިސިއްޔަތުން ލިބޭ ހުރިހާ ހައްގުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ދޭ ދީނެކެވެ. ސަބަބަކީ އަންހެނުން ވެސް އަދި ފިރިހެނުން ވެސް ނިސްބަތްވަނީ އެއް ބައްޕައަކާއި އެއް މަންމައަކަށް ކަމުން، އުފެދުމުގެ އަސްލުގައި ވެސް އެއްބައެއް ކަމުގައި ވާތީއެވެ. އިންސާނީ ސިފަތަކުގައި އެއްބައެއް ކަމުގައި ވާތީ އެވެ.
މިހެންވެ ތަކުލީފުތަކާއި މަސްއޫލިއްޔަތުތަކުގައި ވެސް އެއީ އެއްބައެއް ކަމުގައި އިސްލާމް ދީން ބަލަ އެވެ. ދަރުމަ އާއި ސަވާބު ލިބުމުގައި ވެސް އެއީ އެއް ބައެކެވެ. މިކަން އައްނިސާއު ސޫރަތުގެ ފުރަތަމަ އާޔަތުން އެނގެ އެވެ. އެއް ނަފްސަކުން ހުރިހާ އިންސާނުން އުފެއްދެވިގެންވީ އިރު އެ ނަފްސުން އޭގެ ބައިވެރިޔާ އުފެއްދެވިގެން ވަނީ އެ ނަފްސަށް ފުރިހަމަކަން ގެނައުމަށެވެ. (އަލްއަޢުރާފު 189). އަޢުރާފް ސޫރަތުގެ މި އާޔަތަށް ބަލާއިރު ފިރިހެނުންނަކީ އަންހެނުންގެ އަޚުންނެވެ. މިކަން އިތުރަށް ކަށަވަރު ކޮށްދެއްވާފައި ވަނީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅަކުން ވަރަށް ސަރީޙަ ކޮށް ބަޔާން ކުރައްވައިގެންނެވެ. (އަޙުމަދާއި ތިރުމިޛީ އާއި އަބޫދާއޫދު)
ދީނީ ތަކުލީފުތަކުގަ އާއި އަޅުކަން އަދާ ކުރުމުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވެސް ޒިންމާ އޮންނަކަން އަލް އަޙްޒާބު ސޫރަތުގެ 35 ވަނަ އާޔަތުން އެނގެ އެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވުމުގައި ވެސް ދެބައިމީހުން ހަމަހަމަކަން އައްތައުބާ ސޫރަތުގެ 71 ވަނަ އާޔަތުން އެނގެ އެވެ. އާދަމުގެފާނަށް މާތްﷲ އެންގެވި ކަންކަމުގައި ވެސް މުޚާތަބު ކުރެވިފައިވަނީ ޙައްވާގެފާނަށާއި ދެބޭފުޅުންނަށެވެ. (އަލްބަޤަރާ 35)
އެ ތަކުލީފުތަކަށް ކިޔަމަންވުމުގައި ނާކާމިޔާބުވުމުގެ ސަބަބަކީ ޙައްވާގެފާނު ކަމަށް ބައެއް މީހުން ގަބޫލު ކުރިއަސް ކީރިތި ޤުރުއާން އެކަން ދޮގުކުރެ އެވެ. ޤުރުއާނުގައި އެ ދެބޭފުޅުންގެ މަގުފުރެދުމުގެ ސަބަބަކަށް ބަޔާން ކުރަނީ ޝައިތާނާގެ ވަސްވާހެވެ. (އަލްބަޤަރާ 36). އެހެންވެ އެކަމުގައި ދެރަވުމާއި ތައުބާވުން ވެސް އައީ ދެ ބޭފުޅުންގެ ފަރާތުންނެވެ. (އަލްއަޢުރާފު 23)
ނަމަވެސް ކުށްކުރުމުގައި އަސްލަކީ އާދަމުގެފާނު ކަމަށް ވާތީ ޤުރުއާނުގެ ބައެއް އާޔަތްތަކުގައި އެކަން ހަމައެކަނި އާދަމުގެފާނަށް ނިސްބަތް ކޮށްފައި ވެއެވެ. މިގޮތަށް ނިސްބަތް ކުރެވިފައި ވިއަސް ޙައްވާގެފާނުގެ ކުށަށް އާދަމުގެފާނު ޒިންމާވާކަށް ނުޖެހެ އެވެ. އެހެނީ އެއްވެސް މީހަކު އަނެކެއްގެ ކުށް ތަހައްމަލު ކުރަން ނުޖެހޭނެކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވާތީ އެވެ. (އަލްބަޤަރާ 134)
ޤިޔާމަތް ދުވަހުން ޖަޒާ ލިބުމާއި ސުވަރުގެ އަށް ވަނުމުގައި ވެސް ޖިންސަކަށް ބެލުމެއް ނެތި ޖަޒާ ލިބޭނީ އެމީހެއްގެ ޢަމަލަށް ބަލައިގެންނެވެ. (އާލްޢިމްރާން 159، އައްނަޙްލު 97، އައްނިސާއު 124). މާލީ ހައްގުތަކުގައި ވެސް ކުރީގެ މުޖުތަމައުތަކުގައި އެކަން އޮތް ގޮތް އިސްލާމް ދީން ބަދަލު ކޮށް، މުދާ މިލްކު ކުރުމާއި ތަރިކަ މުދާ ލިބުމާއި މުދަލާ ގުޅުން ހުރި ހުރިހާ ބާވަތެއްގެ މުއާމަލާތުތައް ކުރުމުގެ މިނިވަންކަން އިސްލާމް ދީން އަންހެނުންނަށް ހޯދައިދިނެވެ.
އަދި ފިރިން އަނބިންގެ މުދަލަށް ގަދަވެގަތުމުން ސަލާމަތް ކޮށްދިނެވެ. އެހެންކަމުން މުދާ ދިފާއު ކުރުމަށްޓަކައި ދައުވާ ކުރުން ފަދަ ކަންކަމުގެ ހައްގުތައް ވެސް އިސްލާމްދީން އަންހެނުންނަށް ހޯދައިދިނެވެ. އަދި މިފަދަ ހުރިހާ ކަމަކަށް މަގުފަހި ކޮށްދިނުމަށްޓަކައި ޢިލްމު އުނގެނުމުގެ ހައްގު ވެސް ހަމަ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް އިސްލާމް ދީން ހޯދައިދިނެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސްފުޅު ކުރައްވަނީ ޢިލްމު އުނގެނުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ފަރުޟެއް ކަމަށެވެ.
އަޅުކަންތައް އަދާ ކުރުމުގައި އަންހެނުންގެ ތަބީއަތު ނިޔާކުރާ ގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ބައެއް ކަންކަން ފިރިހެނުންނާ ތަފާތު ކުރިއަސް އަންހެނުންނަކީ ވެސް ހަމަ ފިރިހެނުން ފަދައިން އަޅުކަންތައް އަދާ ކުރަން ޖެހޭ ބައެކެވެ. އަދި މިކަމުގައި ފިރިހެނުންނާ އެއް ޖަމާޢަތުގައި އަޅުކަން ކުރުމުގެ ހައްގު ވެސް އިސްލާމް ދީން ދެއެވެ. މިގޮތުން މިސްކިތަށް ދިއުމާއި ޖަމާޢަތުގެ ނަމާދާއި ޙައްޖު ޢުމްރާގެ އަޅުކަންތައް އަދާ ކުރުމުގައި ދެޖިންސުގެ މީހުންނަށް އެކީ ބައިވެރިވެ އެވެ.
އިންސާނީ ހައިސިއްޔަތުން މިފަދައިން ޖުމްލަކޮށް އަންހެނުންނަށް އިސްލާމް ދީން މާތްކޮށް ހިތައި ޢަދުލުވެރި ވާއިރު ދަރިއެއްގެ ހައިސިއްޔަތުންނާއި އަތްނބެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުންނާއި މުޖުތަމައުގެ މެމްބަރެއްގެ ހައިސިއްޔަތުން ޚާއްސަ ސަމާލު ކަމެއް އިސްލާމް ދީނުގައި އަންހެނުންނަށް ދީފައި ވެއެވެ. މީގެ ތަފުސީލުތައް ވެސް އެނގުމުން ހާމަވެގެން ދާނީ އިސްލާމް ދީން ފިރިހެނުންނަށް ވެސް ޢަދުލުވެރިވާ ފަދައިން އަންހެނުންނަށް ވެސް ޢަދުލުވެރިވާ ކަމެވެ.
މި ޢަދުލުވެރިވުމުގައި އިސްލާމް ދީން ފިރިހެނުންނަށް ބޭއިންސާފު ނުވާ ކަމެވެ. މިގޮތުން ބައެއް ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކޮށްފައި ވެ އެވެ. މި ތަފާތު ގެނެސްފައި ވަނީ ހަގީގީ ޢަދުލުވެރި ކަން ގެނައުމަށެވެ. އެއީ އެމީހެއްގެ ނިސްބަތުން އެ މީހަކަށް ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި މަންފާތައް ލިބޭ ގޮތަށް ހަދައިގެންނެވެ. މި ނިސްބީ ތަފާތުތައް ހަނދާން ނައްތާލައި ދެ ފަރާތް އެއްވަރު ކުރަން މަސައްކަތް ކޮށްފިނަމަ ޢަދުލުވެރިކަން ގެއްލިގެން ދާނެ އެވެ.