08 އެޕްރީލް 2025 - 15:31

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގާތް ގުޅުމެއް ބާއްވައި އެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވަނީ އޭނާގެ ސަފީރުކަމުގެ ދައުރު ހަމަވާތީ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް މިއަދު ކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ސަފީރު ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ސައުދީ ސަރުކާރާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވަނީ މިދިޔަ އަހަރުގެ މެއި މަހު، އެ މަނިކުފާނު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން އަދާކުރި މެހެމާންދާރީ ފާހަގަ ކުރައްވައި، އެކަމަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.