15 މާޗް 2017 - 10:31

ލަންޑަން (މާޗް 15) – އެވަޓަންގެ ތާރީހުގައި ކުޅުންތެރިޔަކަށް ދިން އެންމެ ބޮޑު އޮފާއަށް އެ ކްލަބުގެ ފޯވާޑް ރޮމެލޫ ލުކާކޫ ފުރަގަސްދީފި އެވެ.
ލުކާކު އަށް އެވަޓަނުން ހުށަހެޅީ ހަފުތާއަކު 140،000 ޕައުންޑުގެ މުސާރައެއް ލިބޭ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ދާދި ފަހުން ބުނެފައިވަނީ އެވަޓަންގެ ކޮންޓްރެކްޓް ލުކާކޫ އާކުރާނެ ކަމުގެ 99.9 ފުރުސަތު އެބައޮތް ކަމަށެވެ.
އެކަމަކު ލުކާކޫ ބުނީ މިހާރުގެ ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮއްވާ އާ ކޮންޓްރެކްޓެއްގައި މިވަގުތު ސޮއިކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ޗެލްސީން 2014 ވަނަ އަހަރު 28 މިލިއަން ޕައުންޑަށް އެވަޓަންއާ ގުޅުނު ފޯވާޑް ވަނީ ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު ލުކާކޫ އެ ކްލަބާ އަލުން ގުޅިދާނެ ކަމަށް ވާހަކަދެކެވެ އެވެ.
އެވަޓަންގެ ކޮންޓްރެކްޓް އަދިވެސް މޭޒުމަތީ އޮތްއިރު އެ ކްލަބުން އުއްމީދުކުރަނީ އިތުރު މަޝްވަރާތަކަށް ފަހު ކޮންޓްރެކްޓުގައި ލުކާކޫ ސޮއިކުރާނެ ކަމަށެވެ.
ބެލްޖިއަމް ގައުމީ ޓީމުގެ ފޯވާޑަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ޒުވާން ހުނަރުވެރި އެއް ފޯވާޑެވެ. އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ވަނީ އެވަޓަން އަށް ތިން ސީޒަނުގެ ތެރޭގައި 156 މެޗުން 81 ގޯލް ޖަހައިފަ އެވެ.