ޔުއެފާ އިން ގުރުނެގުން ފިކްސްކުރާ ކަމަށް ބްލެޓާ ތުހުމަތުކުރައްވައިފި
ޔުއެފާ އިން ގުރުނެގުން ފިކްސްކުރާ ކަމަށް ބްލެޓާ ތުހުމަތުކުރައްވައިފި

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 14) - އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގުރުނެގިއިރު އާޖެންޓީނާ އަށް ގަސްދުގައި ފަސޭހަ ގްރޫޕެއް ދީފައިނުވާނެ އެކަމަކު ޔުއެފާގެ މުބާރާތްތަކުގެ ގުރުއަތުނެގުމުގައި ގަސްދުގައި ވަކި ގޮތެއް ވަކި ޓީމުތަކަށް ހަދާފައިވާ ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ތުހުމަތުކުރައްވައިފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އާޖެންޓީނާ ލައްވާލީ ނައިޖީރިއާ އާއި އީރާން އަދި ބޮސްނިއާއާ އެއް ގްރޫޕެއްގަ އެވެ. ކޮރަޕްޝަނުގެ މައްސަލައިގައި ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ ބްލެޓާ ވިދާޅުވީ ގަސްދުގައި އާޖެންޓީނާ އަށް ފަސޭހަ ގްރޫޕެއް ދީފައިނުވާނެ ކަމަށާއި ގުރުއަތުނެގުމުގައި އޭނާ ބައިވެރިވެސް ނުވާ ކަމަށެވެ.

"ޓެކްނިިކަލީ ފިކްސްކުރެވޭނެ ގުރުއަތު ނަގާއިރު. މިސާލަކަށް ވަކި ގްރޫޕަކަށް ލާން ބޭނުންވާ ޓީމުތަކުގެ ނަން ހިމެނޭ ބޯޅަ ޕޮޓަށް ލުމުގެ ކުރިން ފިނިކޮށް އަދި އަނެއްބައި ޓީމުތަކުގެ ނަން ހިމެނޭ ބޯޅަތައް ހޫނުކުރޭ. އޭގެ ސަބަބުން ވަކި ގްރޫޕަކަށް ވަކި ޓީމެއް ލެވިދާނެ. އެކަން ޔުއެފާގެ މުބާރާތްތަކުގައި ކުރޭ،" ބްލެޓާ ވިދާޅުވި އެވެ.

ބްލެޓާ މިފަދަ ތުހުމަތެއް ކުރެއްވިއިރު ފީފާގެ މިހާރުގެ ރައީސަކަށް ހުންނެވީ ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އެވެ. އޭނާ އަކީ ޔުއެފާގެ މުބާރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ވެސް އޭރު އިންތިޒާމްކުރެއްވި ފަރާތެވެ.