08 އެޕްރީލް 2025 - 07:57

އަލަތު ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ މި އަހަރުގެ މެޓް ގާލާއަށް ދިއުމަށް ތައްޔާރުވާން ފަށައިފި އެވެ.
މިއީ، މެޓް ގާލާގައި ބައިވެރިވުމަށް ކިއާރާއަށް ދައުވަތު ލިބުނު ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ ނިއު ޔޯކުގައި އަންނަ މަހު ފަހެއްގައި ބާއްވާ މި އަހަރުގެ މެޓް ގާލާއަށް ދިއުމަށް ކިއާރާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރިން މެޓް ގާލާއަށް ދިއުމަށް ދައުވަތު ލިބުނު އިންޑިއާގެ ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަޑުކޯން އަދި އާލިއާ ބަޓް ހިމެނެ އެވެ.
މެޓް ގާލާއަކީ ފެޝަންގެ ދުނިޔޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އިވެންޓެވެ.
ކިއާރާ ވަނީ މިދިޔަ އަހަރު ކާންސް ފިލްމު ފެސްޓިވަލުގެ ރެޑްކާޕެޓުގައި ވެސް ފުރަތަމަ ފަހަރަށް ބައިވެރިވެފަ އެވެ.
ކިއާރާ މެޓް ގާލާއަށް ދާއިރު އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ކިއާރާ އާއި އޭނާގެ ފިރިމީހާ، ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ އަށް ކުއްޖަކު ލިބޭކަން އެ ދެމަފިރިން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.