07 އެޕްރީލް 2025 - 12:38

ސިވިލް ސާވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސީއެސްސީގެ ގޮނޑިއެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުޖްތާޒް އައްޔަން ކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވައިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުވީ ވެސް މުޖްތާޒްގެ ނަން އެކަންޏެވެ.
މުޖްތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.