އުއްމީދީ ފެށުމަކާ އެކު މާޒިޔާ ކޯޗަށް ބޮޑު އުފަލެއް
އުއްމީދީ ފެށުމަކާ އެކު މާޒިޔާ ކޯޗަށް ބޮޑު އުފަލެއް

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުން ރަށުން ބޭރުގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ލިމިޓެޑް އަތުން މޮޅުވެ ބޭނުންވި ކަންތައް ހާސިލްވެއްޖެކަމަށާއި މިއީ އުފާވެރި ފެށުމެއް ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކޮލޮސްކީ ބުނެފި އެވެ.

މުހައްމަދު އުމެއިރު އާއި އަސަދުﷲ އަބްދުﷲގެ ދެ ލަނޑާ އެކު 2-0 އިން މާޒިޔާ ރޭގެ މެޗުން މޮޅުވިއިރު، އެ ޓީމަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. މެޗަށް ފަހު ސެކުލޮސްކީ ބުނީ ބޭނުންވި ނަތީޖާ ނެރެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މިއީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތް. އަހަރެން މިހުރީ ވަރަށް ހިތްހަމަ ޖެހިފައި. މި ނަތީޖާ ވެސް ހަގީގަތުގައި ރަނގަޅު އެކަމަކު އަހަރެމެންނަށް ލިބުނު އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތުތައް. އެ ކަންތައް ދެން އޮތް މެޗުގައި ރަނގަޅު ކުރާނަން،" މާޒިޔާ އަށް ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި އިރުޝާދުދިން މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.

މެޗުގެ ކުރިން ވެސް ސެކުލޮސްކީ އެންމެ ގިނައިން ފާހަގަކުރި އެއް ކަމަކީ އޭނާ އަށް އަބަހާނީ ޓީމާ ބެހޭ ގިނަ މައުލޫމާތު ލިބިފައިވާ ކަމެވެ. މެޗަށް ފަހު ވެސް ސެކުލޮސްކީ ބުނީ މެޗުގެ ކުރިން ލިބުނު ހުރިހާ މައުލޫމާތެއްގެ ބޭނުން ހިފި ކަމަށެވެ.

"އަހަރެމެން ގޭމްޕްލޭން ތައްޔާރުކުރީ މި ހުރިހާ ކަމަކަށް ތައްޔާރުވެގެން. އަހަރެމެންނަށް ލިބިފައިހުރި މައުލޫމާތުގެ މައްޗަށް ހުރިހާ ކުޅުންތެރިންނަށް ކިޔައިދިނިން ކުޅެންވީ ގޮތް. އެ ގޮތަށް ކުޅުންތެރިން ކުރި މަސައްކަތުން ކާމިޔާބު ހޯދުނީ،" ސެކުލޮސްކީ ބުންޏެވެ.

ރޭ މި ގްރޫޕްގެ އަނެއް މެޗުން މޯހަން ބަގާން އަތުން ބެންގަލޫރު އެފްސީ ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި އަންނަ މަހު ހަތަރު ވަނަ ދުވަހު މާލޭގައި ނުކުންނާނީ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.