07 އެޕްރީލް 2025 - 06:09

އެމެރިކާގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހިމަބިހި ފެތުރެމުން ދާއިރު މިހާތަނަށް ދެ ކުއްޖަކު އެ ބަލީގައި މަރުވެފައިވާ ކަމަށާއި ބަލި ޖެހިފައިވާ މީހުންގެ އަދަދު 600 އަށް އަރާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޓެކްސަސްގެ މެޑިކަލް ސެންޓަރެއް ކަމަށްވާ ޔޫއެމްސީ ހެލްތު ސިސްޓަމްގެ ވައިސް ޕްރެޒިޑެންޓް އާރޮން ޑޭވިސް އޭއެފްޕީއަށް ވިދާޅުވީ ހިމަބިހި ޖެހިގެން އެންމެ ފަހުން މަރުވީ ސްކޫލަށްދާ އުމުރުގެ ކުއްޖަކު ކަމަށެވެ.
މިއީ ހިމަބިހީގެ ވެކްސިން ދީފައިވާ ކުއްޖެއް ނޫން ކަމަށާއި އެ ކުއްޖާ މަރުވީ ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގައި މިއިން ޒަމާނަކު ވެސް ހިމަބިހި އާންމު ނުވާ ވަރަށް މިހާރު އާންމުވެފައި ވިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ ވަނީ ވެކްސިން ދިނުމަކީ މުހިންމުކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެއާ އެކު ސިއްހީ ދާއިރާގެ ބޭފުޅުންނަށް ވަނީ ހައިރާންކަން ލިބިވަޑައިގެން އެ ވާހަކަތައް ކުށްވެރިކުރައްވައިފަ އެވެ.
އަކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހިމަބިހި ޖެހިގެން ދެ ވަނަ ކުއްޖަކު މަރުވި ކަމުގެ ހަބަރާ އެކު ކެނެޑީ ވަނީ ޓެކްސަސްއަށް އަވަސް ދަތުރެއް ކުރުމަށް ނިންމަވައިފަ އެވެ.
މިދިޔަ މަހު ޓެކްސަސްގައި ވެސް ހިމަބިހި ޖެހިގެން ކުއްޖަރު މަރުވެފައިވެ އެވެ.
ނިއު މެކްސިކޯގައި ވެސް މިދިޔަ މަހު ހިމަބިހި ޖެހިގެން ބޮޑު މީހަކު ވެސް މަރުވެފައިވާ ކަމަށް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ބުނެފަ އެވެ.
ސީޑީސީން ބުނީ މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އަލަސްކާއިން ފެށިގެން ފްލޮރިޑާ އާއި ނިއު ޔޯކް ސިޓީއާ ހަމައަށް 21 ސްޓޭޓަކުން 607 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 97 ޕަސެންޓް މީހުންނަކީ ހިމަބިއްސަށް ވެކްސިން ނުޖަހާ މީހުން ކަމަށް އެ އިދާރާއިން ބުންޏެވެ.