07 އެޕްރީލް 2025 - 06:10

ބަންގްލަދޭޝްއިން ވެސް، ޓެކް ބިލިއަނަރު އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތަށް ލައިސަންސް ދީފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
މި ހުއްދަ ދީފައި މި ވަނީ، މަސްކް އިސް ދައުރެއް އަދާކުރާ އެމެރިކާ ސަރުކާރުން އެހެން ގައުމުތަކުގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމާ އެކު ބަންގްލާދޭޝްގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ ގާމެންޓް އިންޑަސްޓްރީއަށް ބޮޑު ބިރެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
ބަންގްލަދޭޝް އިންވެސްޓްމަންޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަން ޗައުދަރީ އާޝިކް މަހްމޫދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި، ސްޓާލިންކަށް ލައިންސަންސް ދިންކަށް ކަށަވަރުކޮށްދެއްވުމަށް ފަހު ވިދާޅުވީ މިކަން ރަސްމީކޮށް ހާމަކުރާނީ މިއަދު ފަށާ އިންވެސްޓްމަންޓް ސަމިޓުގައި ކަމަށެވެ.
މަހްމޫދު ވިދާޅުވީ، މި ހުއްދަ ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެރިފްތައް ބޮޑުކުރުމުގެ ކުރިން، މާޗް މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
އެމެރިކާއިން ވަނީ ބަންގްލާދޭޝްގެ ފޭރާމުގެ ބާވަތްތަކުން ނަގާ ޓެރިފް 16 ޕަސެންޓުން 37 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. ބަންގްލަދޭޝްއިން ކޮންމެ އަހަރަކު އެމެރިކާއަށް 8.4 ބިލިއަން ޑޮލަރުގެ ގާމެންޓް އެކްސްޕޯޓް ކުރާ ކަމަށް ގައުމީ ވިޔަފާރީގެ އިދާރާ، ބަންގްލަދޭޝް ގާމެންޓް މެނުފެކްޗާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ބަންގްލާދޭޝްގައި މިދިޔަ އަހަރު ދަރިވަރުން ނުކުމެ ޝައިހް ހަސީނާގެ ވެރިކަން ވައްޓާލައި ވަގުތީ ސަރުކާރަކުން ގައުމު ހިންގަމުން ދާއިރު އޮތީ ޑިޕްލޮމެޓިކް ގޮތުން އެމެރިކާގެ އެހީތެރިކަމާއި ތާއީދު ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.