06 އެޕްރީލް 2025 - 11:19

ބަނގުރާ ދަޅުތަކެއް ހިފައިގެން ފުލުހުންނަށް ފިލަން ދުވި ދެ ބިދޭސީއަކު ހުޅުމާލެއިން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލު މީހެއް ކަމަށްވާ ޓަކް ބަހާދުރު ރިލަމީ، 34 އާއި ބަންގުލަދޭޝް މީހެއް ކަމަށްވާ ބަހާރު އުދީން، 34 އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ ހުޅުމާލެ 1 ގެ ފުލުހުން ރޭ 10:00 ހާއިރު ޕެޓްރޯލް ކުރަމުން ދަނިކޮށް، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށެވެ.
އެ ޑިންގީން ފޮށިގަނޑެއް ހިފައިގެން އެ ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރި އިރު، 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިފަހަކަށް އައިސް ބަނގުރާލާ އެކު ހުޅުމާލެއިން ވަރަށް ގިނައިން ބިދޭސީން އަތުލައިގަނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ބިދޭސީން ޑީޕޯޓްކުރަން އިމިގްރޭޝަންއާ ވެސް ހަވާލުކޮށްފައިވެ އެވެ.