03 އެޕްރީލް 2025 - 17:56

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖްގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިއަދު ބަހައްޓައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ގުޅީފަޅުގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށެވެ.
ހައިކޮމިޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ބްރިޖުގެ ސުޕަސްޓްރަކްޗާގައި "ވީ ޝޭޕް" އަށް ހުންނަ ބައިތައް މިހާރު ވަނީ އެއްކޮށް ގުޅުވަން ފަށައިފަ އެވެ.
ހައިކޮމިޝަނުން މިއަދު ބުނީ މިއަދު ބުރިޖުގެ ތަނބުގެ ބައިގެ ދިގުމިނުގައި 8.23 މީޓަރު އަދި ފުޅާ މިނުގައި 25.37 މީޓަރު ހުންނަ މި ސެގްމަންޓުގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނު ހުންނާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމެންޓް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އެއީ ބްރިޖްގެ މަސައްކަތުގައި ހާސިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ޕްރީކާސްޓް ކުރުމަކީ ބްރިޖްގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. ކުރިން ސިނަމާލެ ބްރިޖު ހެދިއިރު މި ބައިތައް ގެނައީ ޗައިނާގައި ހަދައިގެންނެވެ. މިފަހަރު އެ މަސައްކަތް ކުރަނީ ގުޅީފަޅުގަ އެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ބްރިޖް މަޝްރޫއުގެ މަސައްކަތުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.