03 އެޕްރީލް 2025 - 14:01

މިއަހަރު އަލަށް ފެށި ސާބާ ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޗެމްޕިއަން ޓީރެކްސް ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ މެޖިކްސް ބަލިކޮށްފި އެވެ.

އިންޑިއާގެ ނިއު ދިއްލީގެ ޖަވާހަރުލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިމްޕޫ މެޖިކްސްއާ ވާދަކޮށް ޓީރެކްސް މޮޅުވީ 71-47 ޕޮއިންޓުންނެވެ.
މި މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިނީ އިންޑިއާ ކުޅުންތެރިޔާ ގޯރަވް ޗަންދޭލް އެވެ. އޭނާ ވަނީ 26 ޕޮއިންޓް ހޯދައިދީފަ އެވެ. މީގެ އިރުން އޭނާ ވަނީ މެޗުގައި އަށް ރީބައުންޑް ނަގައި އަށް ސްޓީލް ކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ވާދަކުރީ ސްރީލަންކާގެ ކޮލޮމްބޯޯ ބީސީ އާއި ނޭޕާލްގެ ޓައިމްސް ބީސީ އެވެ. މި މެޗު 71-66 ޕޮއިންޓުން ކާމިޔާބު ކުރީ ކޮލޮމްބޯ ބީސީ އެވެ.
ރައުންޑް ރޮބިން އުސޫލުން ފަސް ޓީމު ކުޅޭ މި މުބާރާތުގައި ޓީރެކްސް ގެ ދެ ވަނަ މެޗުގައި މިއަދު ކޮލޮމްބޯ ބީސީއާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތިމްޕޫ މެޖިކްސް އާއި އިންޑިއާގެ ޓެމިލް ނާޑޫ އެވެ.
ރައުންޑް ރޮބިން ބުރުގެ ކުޅުމަށް ފަހު، ތާވަލްގެ އެއް ވަނަ ހޯދާ ޓީމެއް، އަންނަ މަހު އޮންނަ ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގް ފައިނަލް 8 އަށް ކޮލިފައި ވާނެ އެވެ.