03 އެޕްރީލް 2025 - 11:37

މިދިޔަ އަހަރު ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން އެކަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ވައްކަމުގެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ މ. ކޮޅުފުށި، އާރެސް، ހަސަން ޣާލިބް، 38 އެވެ. ކްރިމިނަލް ކޯޓުން ޣާލިބުގެ ބަންދު 15 ދުވަހަށް އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އެއީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.
ނޮވެމްބަރު 7، 2024 ވަނަ ދުވަހުގެ ރޭ ޣާލިބް ކުރިން ހައްޔަރުކުރީ ހިޔާ ފްލެޓް އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުތެރޭ 12 މީހުންގެ ގްރޫޕުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށް އެތަނަށް ވަދެގެންނެވެ.
އޭރު އެ އެންމެން ހައްޔަރު ކުރި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމަށްފަހު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.