02 އެޕްރީލް 2025 - 14:07

އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށް "ޖެނަރޭޝަން ބޭން" އަކަށް ދިއުމަށް ތިން ހިޔާލެއް ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ސިއްހީ ބޭފުޅުންނާއި ރައްޔިތުންގެ ލަފާގެ މަތިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތު ވަބާގައި ޖެހި، އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"ސަރުކާރުން ޒިންމާ އަދާކުރަންޖެހޭ. އެހެން ނޫނިއްޔާ ހަމަ އެހެން ގައުމުތަކުގައި ވެސް ވާހެން ރާއްޖޭގައި ވެސް މި ދަނީ ހަމަ ޒުވާން ކުދިން ސިނގިރޭޓުގެ ތެރެއަށް ގޮސް، ނޫނީ ދުންފަތުގެ އިސްތިއުމާލުގެ ތެރެއަށް ގޮސް އެއިން ސަލާމަތް ނުވެގެން އުޅެން ޖެހެނީ،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، 18 އަހަރުގައި ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުވަސްވީ މީހުންނަށް ވުރެ، ޒުވާން ކުދިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ހިސާބުން އެކަމުން ސަލާމަތްކުރަން އުޅެފި ނަމަ ފަސޭހަވާނެ ކަމަށެވެ.
"ފަށައިގެން މާގިނަ އަހަރުތަކެއް ނުވެ ތިބި ކުދިން، އެއިން ސަލާމަތްކުރަން، ހުއްޓުވަން ފަސޭހަވާނެއޭ. އާދަ އޭގައި ހިފާފައި ހުރިވަރު ކުޑަވާނެތާ. ކޮންމެ ގޮތަކުން ވިޔަސް، 40، 50 އަހަރުގެ މީހަކު އެކަމުން ދުރުވާން އުނދަގޫވާނެ. 20 އަހަރު 25 އަަހަރުގެ ޒުވާނަކާ ބަލާއިރުގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތުން ދުރުވުމާ ގުޅޭ ދިރާސާތައް ހަދައި ކެބިނެޓަށް ޕޭޕަރެއް ހުށަހެޅުމަށް ހެލްތު މިނިސްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމުގައި ގޮތް ނިންމާނީ ވަރަށް ތަފްސީލުކޮށް ބައްލަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
- ޖެނުއަރީ، 1، 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަންވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން.
- 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން.
- 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން.
"އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ ދެތިން ގޮތެއް. 2007 ވަނަ އަހަރުގެ ޖަނަވަރީ 1. 2004ގެ ޖަނަވަރީ 1. 2000 ވަނަ އަހަރުގެ ޖަނަވަރީ 1. މި ތިން ގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް، އަޅުގަނޑުމެން ފަންނީ ލެވެލްގައި މަޝްވަރާކޮށްދަފއި މީގައި ހުރި އެކި ކަންތައްތަކަށް ބަލައި ހަދާފައި ގާނޫނެއް އުފައްދައިގެން މަނާކުރާގޮތަށޭ،" ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން އުމުރުން 18 އަހަރާއި 25 އަހަރުވެފައި ތިބި ކުދިންނާއި އޭގެ ދަށް އުމުރު ފުރާގެ ކުދިންނަށް ސިނގިރޭޓު މަނާވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އުމުރުފުރާގެ ކުދިންނަށް، އެ އުމުރުން މައްޗަށް ދިއުމުން ވެސް ސިނގިރޭޓާއި ދުންފަތް މަނާވާނެ އެވެ.
"ދެން މާނައަކީ ކުރިއަށް އޮތްތާ އެ އުމުރުފުރާގައި ވެސް ނުބޮވޭނެއޭ ސިނގިރޭޓެއް ނޫނީ ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެއޭ ގާނޫނުގެ ދަށުން،" ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޒުވާން ޖީލު އެބަ ސަލާމަތްކުރެވޭ. މިހާރު އެއޮތީ ވޭޕް މަނާކޮށްފައި. ދެން ސިނގިރޭޓާއި، އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޒުވާނުން ދުރުކުރުވުން އިނގޭތޯ. ދެން ތިބި ފަރާތްތަކުން ވެސް، އެކި އުމުރުފުރައިގެ ފަރާތްތަކުން ވެސް، އަޅުގަނޑު މި ހަމަ ބާރުއަޅަނީ، ސިނގިރޭޓް ބުއިމާއި، އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން. އަގުބޮޑުކުރީ އެ މަގްސަދުގައި."
ރައީސް ވިދާޅުވި ގޮތުގައި މިއީ އެތައް ޖީލެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކެކެވެ. މި ނިންމުމަށް ގިނަ ބައެއްގެ ތާއީދު އޮތް ކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ މިކަމުގައި އެންމެންގެ އެއްބާރުލުމަށެވެ.