02 އެޕްރީލް 2025 - 01:28

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް މަންޒިލަކަށް ރާއްޖެ ހެދުމުގެ ހަރަކާތް އިފްތިތާހު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިރޭ ފުރާވަޑައިގެންފި އެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގައި ތިބި ދިވެހި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތް ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ،
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެ އާއި ލިވަޕޫލް ކްލަބާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ޖޮއިންޓް މާކެޓިން އިނީޝިއޭޓިވްސް ހަރަކާތްތައް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު އެވެ.