01 އެޕްރީލް 2025 - 06:22

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަލުން ހަމަލާތައް ދޭން ފެށިތާ 10 ދުވަސް ތެރޭ ހާހަކަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި މަދުވެގެން 322 ކުޑަކުދިން ހިމެނޭ ކަމަށް ޔުނިސެފުން ބުނެފި އެވެ.

އދ.ގެ ކުޑަކުދިންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި އަދަދުތަކުގެ ތެރޭގައި ޣައްޒާގެ ދެކުނުގައި އޮންނަ އަލް ނާސިރު ހޮސްޕިޓަލުގެ ސާޖިކަލް ޑިޕާޓްމަންޓަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ދިން ހަމަލާއެއްގައި ޝަހީދުވި ނުވަތަ ޒަހަމްވި ކުދިން ވެސް ހިމެނޭ ކަމަށެވެ. މިހާތަނަށް ޒަހަމްވި ކުދިންގެ އަދަދު ވެސް 609 އަށް އަރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޔުނިސެފުން ބުނީ މީގެ ތެރެއިން ގިނައީ ގެދޮރު ގެއްލި، ވަގުތީ ޓެންޓުތަކުގައި ނުވަތަ ހަލާކުވެފައިވާ ގެތަކުގައި ހިޔާވަހިކަން ހޯދަމުން އައި ކުދިން ކަމަށެވެ.
އިޒްރޭލާއި ހަމާސްއިން ޣައްޒާގައި ހަމަލާ ބަދަލުކުރާތާ ގާތްގަނޑަކަށް 18 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލި ނަމަވެސް ވަޔާއި އެއްގަމު މަގުން އިޒްރޭލުން މިހާރު ގެންދަނީ އަލުން ހަމަލާތައް ދެމުންނެވެ.
"ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމަކީ އެތަނުގެ ކުޑަކުދިންނަށް ލިބުނު އުންމީދެއް އަދި ހާލަތުން އަރައިގަތުމަށް ފެނުނު މަގެއް،" ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވި އެވެ.
"އެކަމަކު ކުޑަކުދިން އަނެއްކާވެސް މި ވަނީ އަނިޔާވެރިކަމާއި ހައްގުތަކުން މަހުރޫމްވުމުގެ ސިލްސިލާގެ ތެރެއަށް ވެއްޓިފައި."
ރަސެލް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނަށް ހުރިހާ އެންމެން ވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ޔުނިސެފްގެ ބަޔާނުގައި ބުނެފައިވަނީ ދޮޅު އަހަރުގެ ހަމަލާތަކުގައި 15،000 އަށް ވުރެ ގިނަ ކުދިން މަރުވެ، 34،000 އަށް ވުރެ ގިނަ ކުދިން ޒަހަމްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް އެއް މިލިއަން ކުދިންގެ ގެދޮރު ތަކުރާރުކޮށް ގެއްލި، އަސާސީ ހިދުމަތްތަކުން މަހުރޫމްވި ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވެސް އިޒްރޭލުން ހުރަސްއަޅާފައި ވާއިރު އެކަން ނިމުމަކަށް ގެނައުމަށް ވެސް އިޒްރޭލުން ވަނީ ގޮވާލައިފަ އެވެ. އަދި ޒަހަމްވެފައިވާ ކުދިންނާއި ބަލި ކުދިން ޣައްޒާއިން ނެރުމުގެ ފުރުސަތު ދިނުމަށް ވެސް އިޒްރޭލަށް ގޮވާލި އެވެ.
"ކާނާ އާއި ސާފު ފެނާއި ބޭސްފަރުވާ އަކީ ނާދިރު އެއްޗިއްސަށް ވެއްޖެ. މި އަސާސީ ކަންކަން ފުރިހަމަ ނުވާ ނަމަ ކުދިންގެ ހެދިބޮޑުވުމަށް ހުރަސްއެޅި ބަލިތަކަށް ހުށަހެޅި، އިތުރު ކުދިންތަކެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ،" ޔުނިސެފުން ބުންޏެވެ.
ޔުނިފެސުން ވަނީ ކުޑަކުދިންގެ ހައްގު ހޯދައިދިނުމަށް ދުނިޔެ ތެދުވެ މަސައްކަތް ފެށުމަށް ގޮވާލައިފަ އެވެ.