02 އެޕްރީލް 2025 - 07:05

ދ. ރިނބުދޫގެ ނަން އަބަދުވެސް ވިދާ ބަބުޅަމުން އައީ ތިލޭރުކަމާއި ގަހަނާގެ ނަމާ އެކުގަ އެވެ. މިހާރު ކިޔާ ގޮތުން ނަމަ "ޖުވެލާސް އައިލެންޑް" އެވެ.

އެހެންވެ، މި ރަށަށް އަރައި މިކަމުގައި އެންމެ ގަދައަށް އުޅޭ މީހަކީ ކޮބައިތޯ އަހަން ފެށުމުން އެންމެން ވެސް ބުނީ އާމިރެއްގެ ވާހަކަ އެވެ.

ކުރިން ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި ހާތިމް އިބްރާހިމްގެ އެހީގައި އެ ގެ ހޯދައިގެން ގެއަށް ދިޔައިރު ވެސް މޫސާ އަބްދުﷲ، އާންމުކޮށް ކިޔާ ގޮތުން ނަމަ، އާމިރު އިނީ އެ ގޭގެ ކުޑަކުޑަ ފެންޑާގައި އެ ވަގުތު ވެސް ގަހަނާއެއް ބައްޓަންކޮށް އޮފު އެރުވުމުގަ އެވެ.

"ދެތިން މީހަކު ތިބީ ރަށުގައި މިހާރު މިކަން [ގަހަނާ ހަދަން] އެނގޭ. އޭގެ ތެރެއިން މިކަން މިހާރު ރަނގަޅަށް މިކުރަނީ އަޅުގަނޑު އެކަނި. މިއީ އެންމެ މުސްކުޅި ޒަމާނުގައި މިރަށުން ކުރި އެންމެ މޮޅު އެއް މަސައްކަތް،" އުމުރުން 49 އަހަރުގެ އާމިރުގެ ވާހަކަ ފެށީ މިހެންނެވެ.

ކުރިން މި ރަށުގައި އެހާ ފުޅާކޮށް ކޮށް އުޅުނު މި މަސައްކަތުގެ އޮފު ކެނޑެމުންދާ ކަމުގެ ސުރުހީ އޭނާ އެޅި އެވެ.

ރާއްޖޭގައި އެންމެ ގަދައަށް ގަހަނާ ހެދުމުގެ މަސައްކަތް ކުރަމުން އައި މި ރަށުގައި އެ ވިޔަފާރި ގަދައަށް މިހާރު ހިންގަނީ އާމިރު އެކަންޏެވެ. މަޑުމަޑުން މި ރަށުން ވެސް މި ހުނަރު ފޮހެވިގެންދަނީ އެވެ.

އާމިރު، މި ކަމަށް ވަނީ އުމުރުން އެންމެ 14 އަހަރުގައި އޭނާގެ ބައްޕަ އާއި ކާފަގެ ގާތުން މި މަސައްކަތް ދަސްކޮށްގެންނެވެ. އެ މީހުންނަކީ ވެސް ތިލޭރުކަމާއި ގަހަނާ ހެދުމުގެ މަސައްކަތުގައި އޭރު ރަށުގެ މަޝްހޫރު ބަޔެކެވެ.

"އަޅުގަނޑުގެ އާއިލާގައި އޭރު ނެތް އެހާ ތަނަވަސް ކަމެއް އެހެން ތަނަކަށް އަޅުގަނޑު ފޮނުވައިގެން ކިޔަވައިދެވޭނެ. އެހެންވެ ކާފަ އާއި ބައްޕަމެން މި މަސައްކަތްކުރިއިރު އަޅުގަނޑު ވެސް ދަސްކުރީ،"
ގަހަނާ ހެދުމަކީ ކަވި އަދި ބުރަ މަސައްކަތެކެވެ. އެކަމުގެ މިސާލަކަށް އާމިރު ދެއްކީ ފަށެއް ގެތުމުގައި ހުރި އުނދަގޫކަމެވެ. ބޮޑުވާބިއްލޫރީގެ އައިނެއް އަޅައިގެން އިންނަ އިރު ވެސް އެ ކުދި ބޮޅުތައް ހަމަޔަށް ފެންނާނީ ކިރިޔާ ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފަށެއް ގަތަން އެނގިއްޖެ ނަމަ، ކޮންމެ ކަހަލަ ގަހަނާއެއް ވެސް ހެދިދާނެ އެވެ.
"އަޅުގަނޑުމެން މި ދަސްކުރިއިރު ވެސް ކާފަމެން ބުނާނެ ފަށެއް ގަތަން އެނގިއްޖެއްޔާ ދެން ތިހިރީ ދަސްވެފައިއޭ. އެއީ މިކަމުގައި ހުރި ބުރަކަމާއި ކަވިކަމުގެ ތެރެއިން ރީއްޗަށް ފަށެއް ގަތާލެވުނީމާ ދެން އެ އެނގުނީ ހުރިހާ ކަމެއް،"
އާމިރަށް މި މަސައްކަތުގައި ނޭނގޭކަމެއް މިހާރަކު ނެތެވެ. ފައްޓަރު ބަޔާއި އުޅަ އާއި އަނގޮޓި އާއި ފަށު ފޫ ކަހަލަ އެކި ބާވަތުގެ ގަހަނާ ހަދަ އެވެ.
"ކުރީ ޒަމާނުގައި މި ހަދާ އެއްޗިއްސަށް ވުރެ މިހާރު ހަދާ އެއްޗެހި ތާހިރުވެފައި ރީތިވާނެ. ކުރީގައި ވިއްޔާ އޮމާންކޮށް މާބޮޑަށް ރީތި ކުރުމެއް ނޯވޭ،"
އޭނާ ބުނީ އުޅާގަނޑެއް ހަދަން 4-5 ދުވަސް ހޭދަވާނެ ކަމަށެވެ. ހުއްޓާނުލައި މަސައްކަތް ކުރިޔަސް ފައްޓަރު ބައެއްގެ މަސައްކަތަށް މަސް ދުވަސް ހޭދަވެ އެވެ.
މި އިންޓަވިއު ދިންއިރު ވެސް ފަސް ފައްޓަރު ބައި ހަދަން އޯޑަރު ލިބިފައި އޮތެވެ.
އާމިރު ބުނި ގޮތުގައި ފައްޓަރު ބައެއްގެ އަގު އުޅެނީ 15،000-10،000ރ. އާ ދެމެދުގަ އެވެ.
"ފައްޓަރު ބައެއް އެއްކޮށް، 15،000-10،000ރ. އަށް މި ހަދައިދެނީ ރިހި ދިނީމަ. ރިހި ނުދެންޏާ ފަށެއްގެ އަގު އުޅޭނީ 1،500ރ. އަށް، ދެން ފައްޓަރެއްގައި މީހަކު ލާން ބޭނުންވާ ފަށުގެ އަދަދުން އަގު އެނގޭނީ،" އޭނާ ބުންޏެެވެ.
"އެންމެ އުނދަގޫ މަސައްކަތަކީ ފަށް ގެތުން. މި އައިނު އަޅައިގެން އިންނައިރު ވެސް އެހާ އުނދަގޫވޭ،"
އާމިރު ބުނި ގޮތުގައި މި ކަވި އަދި ފާޑުވެރިކަން ބޮޑު މަސައްކަތުގެ ފައިދާ ބޮޑެވެ. ދ. އަތޮޅުގެ އިތުރުން މާލެ އާއި ރާއްޖޭގެ ދެކުނުގެ އެކި ރަށްތަކުން ވެސް ވަރަށް ގިނަ އޯޑަރު ލިބޭ ކަމަށް ބުންޏެވެ.
އާމިރުގެ މި ވިޔަފާރީގައި އެންމެ ބޮޑު އޯޑަރެއް ލިބުނީ މިދިޔަ އަހަރު އެވެ. އެއީ 25 އުޅާ ސެޓުގެ އޯޑަރެކެވެ.
"އުޅާ އޯޑަރެއް އައި 25 އެތި ހަދަން. އެއީ 50 ފަޅި އުޅާ. އުޅާ ޖޯޑެއް މި ހަދައިދެނީ 7،000ރ. އަށް،"
އެހެންވެ އެ އޯޑަރުން އެކަނި ވެސް ދެ ލައްކަ ރުފިޔާއާ ގާތް ކުރާ އަދަދަކަށް އާމްދަނީ ލިބުނެވެ.
ރަށުގައި ހުރެގެން ހުއްޓާނުލައި އެ މަސައްކަތުގައި އޭނާ އުޅޭތާ މިހާރު 25 އަށް ވުރެ ގިނަ އަހަރު ވެފައިވާ އާމިރުގެ ވިޔަފާރިއަށް ދެން އޮތް ފުރުސަތަކީ އެ ރަށަށް ދާ ޓޫރިސްޓުންނެވެ. އާމިރު ބުނީ ޓޫރިސްޓުން އޭނާގެ މަސައްކަތް ބަލަން ގޮސް އެއްޗެހި ގަންނަ ކަމަށެވެ.
"އެހެން ގެސްޓުން ވެސް އަންނާނެ ގަންނަން. އެހެންވެ އެމީހުންނަށް ފަށުފޫ ކަހަލަ އެއްޗެހި ހަދާފައި ބަހައްޓަނީ ކުރިއާލައި، އެހެން ގަންނަން އަންނާތީ. އެމީހުން ބޭނުންވާނީ ވަރަށް ކުޑަ، އަދި އެހާ އަގުހެޔޮ އެއްޗެއް،"
ދުވާލުގެ ގިނަ ވަގުތު ފެންޑާ ތެރޭގައި މި މަސައްކަތުގައި އާމިރު ހޭދަކުރާއިރު މިކަމުގައި އޭނާ ބޭނުންކުރާ އެކި ކަހަލަ އާލާތްތަކަކީ ވެސް އަމިއްލައަށް އުފައްދާފައި ހުންނަ އެއްޗިއްސަށް ވުމީ ވެސް މި މަސައްކަތުގައި އޭނާގެ ހާއްސަ ސިފައެކެވެ. އޭނާ ބުނީ އެއީ ރަށުގައި ކުރިން އެ މަސައްކަތް ފުޅާކޮށް ކުރި ދުވަސްވީ މީހުން ގާތުން ދަސްކޮށްގެން ހަދާފައި ހުރި އެއްޗެހި ކަމަށެވެ.
އާމިރު ބުނީ ރާއްޖެއިން ބޭރަށް ގޮސް އަންނަ ރަށު މީހުން ރަނާއި ރިހި ގެނެސް ވިއްކާތީ ގަހަނާ ހަދަން ބޭނުންވާ ރަނާއި ރިހި ލިބުމުގައި ދަތިކަމެއް ނެތެވެ. އެކަމަކު އޭނާގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ޒުވާނުންގެ ޝައުގުވެރިކަން މިކަމަށް ނެތުމެވެ.
"ޒުވާން ކުދިން ވެސް ނޫޅޭ މިކަން ދަސްކޮށްގެން މިކަން ކުރާކަށް. ކުރިން މާލޭގައި ހިންގި ކޯހެއްގައި ވެސް ކުދިންނަށް ކިޔަވައިދިނިން ގަހަނާ ހަދަން. އޭގެ ތެރެއިން ކިޔެވި ބައެއް ކުދިން މިހާރު އެބަ އުޅޭ އެކަމުގައި ވެސް. އެކަމަކު ރަށުގައި ކުދިން ނޫޅޭ މިކަމަކާ،" އުމުރުން 14 އަހަރުގެ ދަރިއަކު ވެސް ހުރި އާމިރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ވެސް މިކަމުގައި އަތްގާތްކޮށްދޭން އުޅުނަސް މިކަމުގައި މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. ރަށުގެ އެހެން ބެލެނިވެރިން ވެސް އެ މީހުންގެ ދަރިންނަށް މިކަން ދަސްކޮށްދޭން މާބޮޑު ކަމެއް ނުކުރެ އެވެ. އެހެންވެ، ރަށުން މިކަން އުވިގެން ދިއުމުގެ ބިރު ބޮޑެވެ.
ކާބަފައިންގެ ވިދުން ގަދަ ފަންނުވެރިކަން ދިރިވުމުގައި އާމިރުގެ ދެގޮތެއް ނުވެ ހުރި އިރު އޭނާ ބުނީ މިއީ އާމްދަނީ ހޯދަން ޒުވާނުންނަށް ވެސް ރަނުގެ ފުރުސަތެއް ކަމަށެވެ.
"ވިޔަފާރި ރަނގަޅު. އަޅުގަނޑަށް އޮންނާނީ މަސައްކަތް ނުކުރެވިފައި." އޭނާ ބުންޏެވެ.