31 މާޗް 2025 - 11:47

ފިތުރު އީދު ފާހަގަކުރުމަށް އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތް، މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް "އީދު ހަވީރު" އަށް ބޮޑު ސަރަހައްދެއް އިއްޔެ ހާއްސަކޮށްފައި އޮތެވެ. އެމްއެންޑީއެފުން އިސްވެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފުލުހުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް އެކި ހަރަކާތްތައް އެ ސަރަަހައްދުގައި ކުރިއަށް ގެންދިޔަ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އާ ހަމައަށް އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިއްޔެ އެ ސަރަހައްދަށް ޖަމާވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން އާއިލާތަކާ ސަލާމް ކުރައްވައިފަ އެވެ.
އީދު ދުވަހާ ގުޅުވައިގެން ރޭ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވެސް 30 މިނެޓުގެ ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސް، ހަވާ އަރުވައިފަ އެވެ. އެ ހަރަކާތްތައް ބެލުމަށް ވެސް ގިނަ ބަޔަކު ޖަމާވި އެވެ.
މާލޭގައި އެފަދަ ބޮޑު އިވެންޓެއް އީދު ދުވަހާ ގުޅުވައިގެން ބޭއްވުމުގެ ބޭނުމަކީ އިސްލާމީ މުހިއްމު އެ މުނާސަބަތުގެ އުފަލުގައި ވީހާ ވެސް ގިނަ އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމާއި ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.