މާލޭގައި ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފި
މާލޭގައި ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފި

މިއަދު ހަވީރުން ފެށިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ވަގުތުތައް ކަނޑައަޅާފައި އޮތް އިއުލާނު ޓްރާންސްޕޯޓް މިނިސްޓްރީން ކުއްލި ގޮތަކަށް ބާތިލުކޮށްފި އެވެ.

ޓްރާންސްޕޯޓުން މިނިސްޓްރީން އެކްސްގައި ބުނީ، އިންޖީނުލީ އެއްގަމު އުޅަނދު ފިތުރު އީދު ދުވަހު ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ކުރި އިއުލާނު ބާތިކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ބާތިލް ކުރަން ނިންމި ސަބަބެއް ނުބުނެ އެވެ. ނަމަވެސް، އެ އެންގުން ބާތިލްކުރީ، އެއަށް އަމަލުކުރަން ފެށިތާ ގަޑިއެއްހާ އިރުވީ ފަހުންނެވެ.

ރޭ އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް އިންޖީނުލީ އެއްވެސް އުޅަނދެއްގައި ދަތުރެއް ނުކުރެވޭނެ އެވެ. އަދި ހަވީރު 4:00 އިން ރޭގަނޑު 11:30 އާ ދެމެދު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން ވެސް އޭރު އޮތީ މަނާކޮށްފަ އެވެ.

ޓްރާންސްޕޯޓުގެ އިއުލާނު ބާތިލް ކުރި އިރު، މާލޭގައި އީދު ފާހަގަކުރުމަށް ހާއްސަ ގިނަ ހަރަކާތްތަކެއް އެބަ ކުރިއަށްދެ އެވެ.

އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން "އީދު ހަވީރު" ގެ ނަމުގައި ބާއްވާ އެ ހަރަކާތްތައް ކުރިއަށްދަނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި އޮތް ހަރަކާތައް ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ބައްލަވައިލައްވާފަ އެވެ.