30 މާޗް 2025 - 15:07

އއ. ރަސްދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް ފަރުވާ ދިނުމުގައި އިންޑިއާގެ މުމްބާއީގެ ޑޮކްޓަރެއްގެ ލަފާ ހޯދައިފި އެވެ.
އައިޖީއެމްއެޗުން ބުނީ، ފިހުނު ދެމަފިރިންނަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް ޕޭޝެންޓުންގެ ހާލަތު ބެލި ކަމަށެވެ.
ޕޭޝަންޓުގެ ހާލަތު ބެލުމަށްފަހު ހުކުރު ދުވަހު އޭނާ ވަނީ އަނބުރާ އިންޑިއާއަށް ގޮސްފަ އެވެ.
އައިޖީއެމްއެޗް އިން ބުނީ، ފިހުނު ދެމަފިރަންނަށް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާއާއި މަޝްވަރާއާ އެކު ކަމަށެވެ.
މިވަގުތު އެ ދެ މީހުންނަށްވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އެ ދެ މީހުންގެ ހާލަތު ކްރިޓިކަލް އިރު، ހާލަތަށް އަދިވެސް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ދެ މީހުންގެ ހަށިގަނޑުގެ ގާތްގަނޑަކަށް 70 އަށް ވުރެ ބޮޑު ޕަސެންޓެއް ވަނީ ފިހިފަ އެވެ. އުމުރުން 31 އަހަރުގެ އެ ދެމަފިރިން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.