30 މާޗް 2025 - 10:14

ހުޅުމާލޭ މިސްކިތެއްގައި އީދު ނަމާދަށް، އިމާމަށް ގަޑިއަށް ނާދެވުމުން އޭނާއަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.
މިއަދު ހުޅުމާލޭ އަޒީޒާ މިސްކިތުގައި އީދު ނަމާދު ފެށީ ނަމާދު ވަގުތު ޖެހި ހަތް ވަރަކަށް މިނެޓު ފަހުންނެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ވިދާޅުވީ، ނަމާދު ކުރުމަށް ކަނޑައަޅާފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރު ނުވާ ކަމަށެވެ.
އެހެންވެ އިމާމުގެ މައްސަލަ އުސޫލުގެ ތެރެއިން ބަލައި، ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިމާމުގެ ބަދަލުގައި ހަމަ ޖައްސާފައިވަނީ އެ މިސްކިތަށް ކަނޑައަޅާފައި ހުންނަ އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރު ނުވުމުން އެ މައްސަލަ ވެސް ވަކިން ބަލައި. އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އެކަމާ ހަވާލުވީ، ބިދޭސީ މީހެއްކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުން އެނގެ އެވެ. އަދި ނަމާދަށް ފަހު އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުންނެވެ.
މިއަދަކީ ފިތުރު އީދު ދުވަސް ކަމަށްވާ އިރު ރާއްޖޭގައި ހުރިހާ ހިސާބެއްފައި އީދު ނަމާދު ކުރީ ހެނދުނު 7:00 ގަ އެވެ. މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރީ މާފަންނު ސްޓޭޑިއަމްގަ އެވެ. މާފަންނު ސްޓޭޑިއަމްގެ އިތުރުން ގިނަ މިސްކިތްތަކުގައި ވެސް އީދު ނަމާދުކޮށްފައިވެ އެވެ.