14 މާޗް 2017 - 20:31

މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން، ކޮންމެހެން ކުރަން ޖެހިގެން ނޫނީ އެއްތަނުން އަނެއް ތަނަށް ދަތުރުނުކުރުމަށާއި ގިނަ މީހުން އެއްވެ އުޅުމުގެ ހަރަކާތްތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސްރޯގާއާ ގުޅިގެން ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މިރޯގާއާ ގުޅިގެން މިހާރު ސްކޫލްތައް ބަންދުކޮށްފައިވުމާއި އަދި ކުރިޔަށް އޮތް ހަފުތާއަކީ ސްކޫލްތަކުގެ ޓާމް ޗުއްޓީކަމުން މީހުން އެއްވެ އުޅޭނެ އެކިއެކި އިވެންޓްތަކާއި ކުޅިވަރު ހަރަކާތްތައް އިންތިޒާމްނުކުރުމާއި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ވެސް އެ އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.
"ދިވެހިން އާއްމުކޮށް ގޮސް އުޅޭ ގައުމުތަކުގައި ވެސް މިފަދަ ރޯގާތައް އުޅެމުންދާތީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ،" އެޗްޕީއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.