29 މާޗް 2025 - 20:29

މާދަމައަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ހަނދު ސާބިތުކުރާ ކޮމެޓީން ދެންމެ ކަނޑައަޅައިފި އެވެ.
ފިތުރު އީދު ދުވަހަކީ މާދަމާ ތޯ ނުވަތަ ހޯމަ ދުވަސް ކަމާ މެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީގެ ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމަށްފަހު ކުރި އިއުލާނުގައިވަނީ އިސްލާމީ ބައެއް ގައުމުތަކަށް މިއަދު އިރުއޮއްސުމަށްފަހު ހަނދު ފެނިފައިވާތީ މާދަމާއަކީ އީދު ދުވަސް ކަމަށެވެ.
ރާއްޖެއިން ހަނދު ސާބިތު ކުރުމުގައި އަމަލުކުރާ އުސޫލަކީ ރާއްޖެއަށް ހަނދު ނުފެނުނު ކަމުގައިވީ ނަމަވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ހަނދު ސާބިތުވީ ކަމަށް ބެލުމެވެ. އެގޮތުން ސައުދީ އަރަބިއާއަށް ހަނދު ފެނިފައިވާތީ އެ ގައުމުން ވެސް ވަނީ މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ނިންމައިފަ އެވެ.
މިފަހަރު ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިއިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މިއަދުގެ އިރު އޮއްސުމަށްފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. އެހެންވެ، ދިވެހި ކަލަންޑަރުގައި މިހާރު ވެސް އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަހެވެ.
ނަމަވެސް މާދަމާއަކީ އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ބައެއް އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށްފަހު އަށް މިނެޓަށް ވުރެ ގިނަ ވަގުތު ހަނދު ފެންނަން ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ އެވެ.
ނަމަވެސް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެފައިވަނީ އިރުއޮއްސުމަށްފަހު ހަނދު ފެންނަން ނުހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ އީދު ކަމަށް ބެލެވެނީ ކަލަންޑަރުގައި އޮތްގޮތަށް އަންނަ ހޯމަ ދުވަސް ކަމަށެވެ.
ހަނދު ސާބިތު ކުރުމާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެކަމުގައި އަމިއްލައަށް ގޮތް ނިންމުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށްވާތީ އެކަން ނުކުރުމަށް އެދިވަޑައިގެންފަ އެވެ.