29 މާޗް 2025 - 13:26

އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ މި މަހު 17 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ތިބި ސައިކަލު ދުއްވި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ.
އެއީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް, 20 އެވެ.
އޭނާ ހައްޔަރުކުރީ މުދަލަށް ގެންލުން ދިނުމާއި ބިރު ދެއްކުމުގެ މައްސަލައިގަ އެވެ. ސައިކަލު ދުއްވި ކަމަށް އޭނާ އިންކާރު ނުކުރާއިރު ކަޅުތެޔޮ ޖެހި މީހާގެ މައުލޫމާތު އޭނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
މިދިޔަ ބުރާސްފަތު ދުވަހު އޭނާ ހައްޔަރު ކޮށްފައި ވާއިރު ކޯޓުން ވަނީ އޭނާއަށް 15 ދުވަސް ޖަހައިފަ އެވެ.
މަންދީގެ ގަޔަށް ބަޔަކު ކަޅުޔެތޮ ޖެހިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް އެ މަނިކުފާނުގެ އާއިލާ އިން ވަނީ ދައުވާ ކޮށްފަ އެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ބުނެފަ އެވެ. އެކަމަކު ރައީސްގެ އާއިލާއިން އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.