ޓްރަމްޕުގެ ރުޅިގަނޑު އަނެއްކާވެސް މުސްލިމުންނަށް ބާލައިފި
ޓްރަމްޕުގެ ރުޅިގަނޑު އަނެއްކާވެސް މުސްލިމުންނަށް ބާލައިފި

ވޮޝިންޓަން (ޖޫން 14) - ފްލޮރިޑާގެ ނައިޓް ކްލަބެއްގައި ބަޑިން ދިން ހަމަލާ އަށް ފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމުގެ މަގުމަތީގައިވާ ޑޮނަލްޑް ޓްރަމްޕުގެ ރުޅިގަނޑު މުސްލިމުންނަށް ބާލައިފި އެވެ.

ޓްރަމްޕުގެ ރުޅިގަނޑު އަނެއްކާވެސް މުސްލިމުންނަށް ބާލައިފި
ޓްރަމްޕުގެ ރުޅިގަނޑު އަނެއްކާވެސް މުސްލިމުންނަށް ބާލައިފި

ވެރިކަން ލިބިވަޑައިގެންފި ނަމަ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން މި ފަހަރު ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ސީރިއާގެ މުސްލިމް ރެފިއުޖީން އެމެރިކާ އަށް ނުދެވޭނެ ކަމަށެވެ. އަދި ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުތުރިއަރާ އެތައް ބަޔަކު އެމެރިކާގައި މިހާރު ވެސް ދިރިއުޅެމުންދާ ކަމަށް ވިދާޅުވި އެވެ.

"އޯލެންޑޯގެ ކްލަބަށް ބަޑީގެ ހަމަލާ ދިން މީހާ ގޮތަށް ހިތުގައި ނަފުރަތު އޮތް އެތައް ބަޔަކު އެމެރިކާގައި ދިރިއުޅޭ. އެކަމަކު މިފަދަ މީހުން ޕޮލިހަށް ރިޕޯޓް ކުރަން ފަސް ޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ކެލިފޯނިއާގެ ސެން ބާނާޑިނޯގައި ޑިސެމްބަރު މަހު ދިން ބަޑީގެ ހަމަލާއާ ގުޅިގެން ވެސް ޓްރަމްޕް ވަނީ މުސްލިމުންނާ ދެކޮޅަށް ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި 14 މީހުން މަރުވި އެ ހާދިސާގައި ބަޑި ޖެހި މީހާ އަކީ ހަރުކަށި ވިސްނުމުގެ މީހެއްކަން އެނގޭ އިރު ވެސް އޭނާގެ މައްސަލަ ރިޕޯޓްކޮށްފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ހަމަލާ އަށް ފަހު ރައީސް ބަރަކް އޮބާމާ ދެއްވި ބަޔާނުގައި "ހަރުކަށި އިސްލާމް" އެ ދެ ބަސް ބޭނުން ކުރައްވާފައި ނުވާތީ ޓްރަމްޕް ވަނީ އޮބާމާގެ އިސްތިއުފާ އަށް ވެސް ގޮވާލައްވައިފަ އެވެ. --އޭއެފްޕީ