27 މާޗް 2025 - 21:32

އަންނަ އަހަރުން ފެށިގެން ރޯދަމަހަށް ސްކޫލު ބަންދުކުރެވޭނެ ގޮތްތައް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

"ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓް ޝޯ ގެ ފުރަތަމަ އެޕިސޯޑުގައި ރައީސް މިއަދު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ރޯދަމަހުގެ ފަހު 10 ބަންދުކުރީ ރޭ އަޅުކަން ކުރުމަށް ވަގުތު ދިނުމަށް ކަމަށެވެ.
އެގޮތަށް ބާރު އެޅުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ރޯދަމަހުގެ ތެރޭގައި ސްކޫލު ބަންދު ވާނެ ގޮތް ހެދުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކުން، މި ރޯދަމަހަކީ ސްކޫލު ބޮޑު ޗުއްޓީ އެވެ. އެ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ 7 ވަނަ ދުވަހެވެ.
"އެއް ހަފުތާ ޝިފްޓުކޮށްލަން ޖެހުނީ އެހެން ދުވަސްތަކަށް ވުރެ. މުޅި މަސް ބަންދުކޮށްލެވިއްޖެ. އަޅުގަނޑު ވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ބައްލަވައި ދެއްވާށޭ މިހެން ދެން ކޮންމެ އަހަރެއްގައި ވެސް މުޅި ރަމަޟާން މަސް ބަންދުކުރެވޭނެ ގޮތް ހަމަޖެއްސޭތޯ، އެއްވެސް ވަރަކަށް ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭނެ ގޮތަކަށް ހަމަޖައްސައިދިނުމަށް." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރޯދަމަހު ސްކޫލު ބަންދުކުރުމުން ބެލެނިވެރިން ބަލައިގަނެ އެވެ. އެގޮތަށް ހަމަޖެއްސެވި އެއް ސަބަބަކީ ރޯދަމަހަށް ފަހު އަންނަ އީދުގައި އުފާފާޅުކުރުމަށް ސަރުކާރުން ފުރުސަތު ދިނުން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. އެ އުސޫލުން ބަލައި، އަންނަ އަހަރުގެ ރޯދަމަހު ސްކޫލުތައް ބަންދުކޮށްފިނަމަ ކިޔަވައިދޭން ލިބޭނީ މަދު ދުވަސްތަކެކެވެ. ކަލަންޑަރު ދައްކާގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ މެދެތެރޭގަ އެވެ.