27 މާޗް 2025 - 16:20

ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ 550 އަށް ވުރެ ގިނަ މަޝްރޫއުތަކެއް ހިންގަން މި ފަހުން ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކިއެކި ކަންކަމާ ގުޅޭ ގޮތުން ޖަވާބު ދެއްވުމަށް ރައީސް މިއަދު ފެއްޓެވި ޕޮޑްކާސްޓް ޝޯގައި ޕްރެޒެންޓަރު އަހުމަދު ޝަކީބު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ، މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި ކުރިން ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، މި އަހަރާއި އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ނިމުމަކާ ހަމައަށް ދާނެ އެވެ.
"މި ބަންދުތެރޭގައި ވެސް ފަހު 10 ގެ ތެރޭގައި ވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ދެން އެ ކަންކަން އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ދެން އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ،. ވަރަށް ބާރަށް ރަށްރަށުގެ މަސައްކަތްތައް ވެސް ހިނގަމުންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ފެންނާނީ އިގުތިސާދު މެނޭޖު ކުރަމުން އަދި އެ މީހުން ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭ ތަން ކަމަށެވެ.
ސަރުކާރުން މި ފަހުން ތަރައްގީއާ ގުޅޭ ބައެއް މަޝްރޫއުތަކުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާ އެކު ވެސް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި ފެނަކަ އާއި ރޯޑް ކޯޕަރޭޝަން ހިމެނެ އެވެ.