14 މާޗް 2017 - 18:40

މިދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫއަށް ޒިޔާރަތްކުރުން މެދުކަނޑާލައިފި އެވެ.
ރާއްޖޭގައި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު ފެތުރެމުން އަންނަ ހުމާއި ރޯގާއާ ގުޅިގެން އެ ހޮސްޕިޓަލުގެ އައިސީޔޫގެ އިތުރުން އެޗްޑީޔޫ އަދި އެންއައިސީޔޫގެ ބަލި މީހުންނަށް ޒިޔާރަތްކުރުން ބަންދުކޮށްލައިފައިވާ ކަމަށެވެ.
މާލޭގައި ހަލުއިކަމާ އެކު ހުމެއް ފެތުރެމުންދާތީ ހުރިހާ ސްކޫލަކާއި ޔުނިވާސިޓީތައް ވެސް މިއަދުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. އަދި ހުމަށް ފަރުވާ ހޯދާ މީހުން ގިނަވެ، އައިޖީއެމްއެޗުގައި ވަނީ ހުމަށް ފަރުވާ ދިނުމަށް ހާއްސަ ކުލިނިކެއް ވެސް ހުޅުވައިފަ އެވެ. މި ހުން ފެތުރެމުން ދާއިރު، ސްވައިން ފްލޫ ވެސް ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، އިންފްލުއެންޒާއަށް ޓެސްޓްކުރުމުގެ ނިޒާމު ރާއްޖޭގައި 2015 ވަނަ އަހަރު ގާއިމުކޮށް މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 475 މީހަކު ޓެސްޓްކޮށް، ފެނިފައި ވަނީ އެޗް1އެން1 ހުރި އެންމެ 16 މީހެކެވެ. އިއްޔެ ހެނދުނު ބުނީ 208 މީހަކު ޓެސްޓްކުރި އިރު ވައިރަސް ފެނުނީ 27 މީހެއްގެ ހަށިގަނޑުން ކަމަށެވެ. އެކަމަކު އޭރުވެސް އިތުރު ސާމްޕަލްތައް ދިޔައީ ޓެސްޓް ކުރަމުންނެވެ. އަލަށް ލިބުނު ނަތީޖާތަކާ އެކު މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ފަހުން ބުންޏެވެ.