26 މާޗް 2025 - 23:39

ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ، ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހާފިޒުންގެ ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާއަކީ ރާއްޖޭގައި ހާފިޒުންނަށް ހާއްސަކޮށް ބޭއްވި ފުރަތަމަ ޖަލްސާ އެވެ.

އެ ޖަލްސާއަކީ ރާއްޖޭގެ އިސްލާމީ ފަހުރުވެރި ތާރީހަށް އިތުރުވެގެންދާ ޝަރަފުވެރި ކަމެއްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެއީ އިސްލާމީ ހަޟާރަތުގެ މުޅިން އައު ސޮފުހާއެއް ކަމަށެވެ.
މީގެ ކުރިން ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަނަދު ދިން ނަމަވެސް، މިއީ ހާފިޒުންނަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ ކުރިން އެކަން ކުރެވެމުން ދިޔައީ ގުރުއާން މުބާރާތުގެ ގައުމީ ނަތީޖާ ފާޅުކުރާ ޖަލްސާގައި ތެރެއިން ކަމަށެވެ.
"އޭގެ ސަބަބުން އެ ޖަލްސާއަށް ދޭންޖެހޭ ހައްގު ގަދަރު ނުދެވުމާއެކު، ހާފިޒުންނަށް ވެސް ހާއްސަ ސަމާލުކަމެއް ނުދެވޭ،" ޝަހީމް ވިދާޅުވި އެވެ.
"މިއީ މުޅިން ދެކަމެއް. އެއީ އިނާމު ދިނުމުގެ ޖަލްސާއެއް. މިއީ މުޅިން ވަކި ޖަލްސާއެއް. އޭރު އެކަން އެހެން ކުރެވެމުން ދިޔައީ ހާފިޒުން މަދުވީމަ. ބައެއް ޖަލްސާތަކުގައި އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ސަނަދު ދޭ. ނަމަވެސް މީގެ ފަހު އަހަރުތަކުގައި މި ކަންތައްތައް މިވަނީ ބަދަލުވެފައި. އެހެންވީމަ އަޅުގަނޑުމެން ވިސްނީ ރައީސް މުއިއްޒުގެ އިރުޝާދާއި އެކުގައި މިކަމަށް ސަރުކާރުގެ ފަރާތުން ވަކި ހާއްސަ ހަފްލާއެއް ބޭއްވުމަށް."
ދުނިޔޭގެ އިސްލާމީ އެހެން ގައުމުތަކުގައި މިރޭގައި މިފަދަ ޖަލްސާތައް ބާއްވާކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ މި އަހަރުން ފެށިގެން ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ހާފިޒުންގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ގައުން އާއި ހަނދާނީ ލިޔުން ދެއްވައިފަ އެވެ.
ޝަހީމް ވިދާޅުވީ މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާ ކަމަށާއި އަދި އިތުރު 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.