26 މާޗް 2025 - 18:56

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެންނަން ހުޅުމާލޭގައި ހަދަމުންދާ ވަގުތީ އިމާރާތުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް މިހާރު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ ކޯޓަށް ދާއިމީ އިމާރާތެއް އެޅެންދެން އެ ކޯޓާއި ޑްރަގް ކޯޓް ހިންގަން ހުޅުމާލޭގައި ވަގުތީ ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރައީސް މުއިއްޒު މިއަދު ވަނީ އެތަނަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވައިފަ އެވެ.
ރައީސްގެ އެ ޒިޔާރަތުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ އިމާރާތް އެޅުމަށްޓަކައި 33 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
މާލޭގައި ހިންގާ ދަށު ކޯޓުތަކަށް ހާއްސަ ކޯޓު ކޮމްޕްލެކްސްއެއްގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ކުރިން އިއުލާން ކޮށްފައިވެ އެވެ.