ޑާކާގައި އަބަހާނީ ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް
ޑާކާގައި އަބަހާނީ ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް

މުހައްމަދު އުމެއިރާއި އަސަދުﷲ އަބްދުﷲގެ ލަނޑުތަކާ އެކު ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ލިމިޓެޑްގެ މައްޗަށް 2-0 އިން ކުރި ހޯދައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މި އަހަރުގެ އޭއެފްސީ ކަޕް މޮޅަކުން ފަށައިފި އެވެ.

ކުރިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ޑްރަގޯ މަމިޗްގެ އިރުޝާދުގެ ދަށުން ކުޅޭ އަބަހާނީއާ ދެކޮޅަށް މާޒިޔާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދާދި ފަހުން ނިމުނު ޝެއިހް ކަމާލް ގޯލްޑް ކަޕުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވި އަބަހާނީ އޮތީ މި މުބާރާތަށް އިތުރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ތިން މިނިޓް ތެރޭ މާޒިޔާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ހޯދައިފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އަންދްރެއި ކޯޑޯސް މަތިން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން އަހުމަދު އިމާޒް (އާއްކޮ) އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން އަބަހާނީ ކީޕަރު ޝާހިދުލް އާލަމް ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ.

އޭގެ މިނިޓެއް ފަހުން އުމެއިރު ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. އާއްކޮ ހުސްކޮށްލާފައި އޭރިއާ ތެރެއިން އުމެއިރު އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މި ހާފްގައި ލީޑުފުޅާކުރަން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 23 ވަނަ މިނިޓްގައި އުމެއިރު ހުސްކޮށްލާފައި އޭރިއާ ތެރެއިން އަސަދުﷲ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ޝާހިދުލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި އަބަހާނީން ލަނޑު ޖަހާނެ ފުރުސަތު ހޯދަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މާޒިޔާ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ކޯޑޯސް ކައިރިން އަބަހާނީގެ ކުޅުންތެރިންނަށް މާ ރަނގަޅު ފުރުސަތުތަކެއް ނުހޯދުނެވެ.

ދެ ވަނަ ހާފް ފަށައިގެން އަބަހާނީން ކުޅުން ރަނގަޅުކޮށް މާޒިޔާ ހާފް ތެރޭގައި ގިނަ ވަގުތު ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ނުހޯދެ އެވެ. އެހެން ނަމަވެސް ކައުންޓަ އެޓޭކުގައި މާޒިޔާއިން ދިޔައީ ނުރައްކާ ކުރަމުންނެވެ.

މި ހާފްގައި ވެސް މާޒިޔާ އަށް ލަނޑު ޖަހަން ހުސް ފުރުސަތުތައް ހޯދި އެވެ. މި ގޮތުން މެޗުގެ 51 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އާއްކޮ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ފަހުން މެޗުގެ 71 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ހުސެއިން ނިޔާޒް (ބޮކުރީ) އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ބޮކުރީ ފޮނުވާލި ބޯޅަ ދިޔާއި ކީޕަރު ޝާހިދުލް އާލަމްއާ ދިމާ އަށެވެ.

އަބަހާނީ ޑިފެންސުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 77 ވަނަ މިނިޓްގައި އުމެއިރު ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އެރިއާ ތެރެއިން އުމެއިރު ފޮނުވާލި ބޯޅަ ކީޕަރު ޝާހިދުލް ވަނީ މަތަކޮށްފަ އެވެ.

އަބަހާނީން ނަތީޖާ ހަމަހަމަ ކުރަން ކުރިއަށް ޖެހިގެން ކުޅުނު ވަގުތު ކައުންޓަ އެޓޭކެއްގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި އުމެއިރު ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަސަދުﷲ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ ސީޒަނުގެ މިހާތަނަށް އަސަދުﷲ ޖެހި ފަސް ވަނަ ލަނޑެވެ.

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން އެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާ އަތުން އަދި އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް އަތުންނާއި ގްރީން ސްޓްރީޓްސް އަތުންވެ.

މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ މޯހަން ބަގާން ނުކުންނާނީ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.