ނަތަންޔާހޫގެ ސިޔާސަތަށް އިޒްރޭލު ރައީސްގެ ނުރުހުން
ނަތަންޔާހޫގެ ސިޔާސަތަށް އިޒްރޭލު ރައީސްގެ ނުރުހުން

ޣައްޒާގައި ފަލަސްތީނުގެ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ރަހީނުން ސަލާމަތްކުރުމަކީ މިހާރު އިޒްރޭލުން އެންމެ ބޮޑު އިސްކަމެއް ދޭ މައްސަލަ އަށް ނުވާތީ ހައިރާންވާ ކަމަށް އިޒްރޭލުގެ ރައީސް ބުނެފި އެވެ.

"ރަހީނުންގެ މައްސަލަ މިހާރު އިސްކަންދޭ ލިސްޓުގެ އެންމެ ކުރީގައި އޮތް އޮތުން ކުއްލިއަކަށް ބަދަލުވުމުން އަދި ޚަބަރުތަކުގެ އެންމެ ކުރީގައި ވެސް ނެތުމުން ވަރަށް ބޮޑަށް ހައިރާންވޭ،" އައިޒަކް ހަރްޒޮގްގެ އޮފީހުން ނެރުނު ވީޑިއޯއެއްގައި ބުނެފައިވެ އެވެ.

"ކޮންމެ ރަހީނަކު މިނިވަންކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެންގެ އިސް ވާޖިބުކަން ހަނދާން ނައްތާލައިގެން ނުވާނެ. މިއީ ގައުމީ މަސައްކަތެއް،" ތެލްއަވީވްގައި ބޭއްވި ކޮންފަރެންސެއްގައި ހަރްޒޯގް ބުންޏެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 251 މީހުން އަތުލައިގަނެފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ އެވެ. އަދި އެ ހަމަލާގައި އިޒްރޭލުގެ 1،218 މީހުން މަރުވެފައި ވާއިރު ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ އަސްލަކަށް ވެފައި ވަނީ އެ ހަމަލާ އެވެ.

ރަހީނުކުރި މީހުންގެ ތެރެއިން 58 މީހުން އަދިވެސް ޣައްޒާގައި ހިފަހައްޓާފައި ތިބިއިރު، އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.

ހަރްޒޯގް މި ވާހަކަ ދައްކާފައި މިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއިސްވެ ހުރެ ސަރުކާރުން ގެންގުޅޭ ހަނގުރާމައިގެ ސިޔާސަތުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުރާސްފަތި ދުވަހު ބުނެ ބަޔާނެއް ނެރުމަށް ފަހު އެވެ.

"ރަހީނުން ސަލާމަތްކުރުމުގެ މުހިންމު މިޝަން ކުރިއަށް ގެންދަމުން ދަނިކޮށް ހަނގުރާމަ އަލުން ފަށައިގަތުމަކީ ހީވެސް ނުކުރެވޭ ވަރުގެ ކަމެއް،" ޖުމްލަ ގޮތެއްގައި ރަމްޒީ ދައުރެއް އޮންނަ ރައީސް ހަރްޒޯގް ބުނެފައިވެ އެވެ.

އިޒްރޭލުގެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ދަނީ ރަހީނުން މިނިވަންކުރަން ނޫޅެ، އަލުން ހަމަލާ ދޭން ފެށުމާއި ހަނގުރާމައިގެ ސިޔާސަތުތަކާ ދެކޮޅަށް ގުދުސްގައި މުޒާހަރާ ކުރަމުންނެވެ.