25 މާޗް 2025 - 14:20

އިޒްރޭލުގެ ހަމަލާއެއްގައި އިއްޔެ ޝަހީދުކޮށްލި އަލް ޖަޒީރާގެ ނޫސްވެރިޔާ ހުޝާމް ޝަބަތަކީ ހަމާސްގެ ސްނައިޕަރެއް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ތުހުމަތުކޮށްފި އެވެ.
"އިއްޔެ [ހޯމަ ދުވަހު] އައިޑީއެފް [އަސްކަރިއްޔާ] އާއި ޝިން ބޭތު [ސެކިއުރިޓީ އެޖެންސީ] އިން ނައްތާލީ... ހަމާސް ޓެރަރިސްޓް ޖަމާއަތުގެ ބައިތު ހަނޫން ބެޓަލިއަންގެ ސްނައިޕާ ޓެރަރިސްޓެއް. އަލްޖަޒީރާއިން ނޫސްވެރިއެއްގެ ގޮތުގައި ވެސް ވަޒީފާ އަދާކުރި މީހެއް،" ހުޝާމަށް އިޝާރާތްކޮށް އަސްކަރިއްޔާ އާއި ސަލާމަތީ އިދާރާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަލްޖަޒީރާއިން ބުނީ ޝަބަތު ޝަހީދުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ޣައްޒާގެ އުތުރުގައި އޭނާގެ ވެހިކަލަށް އިޒްރޭލުން ދިން ހަމަލާއެއްގައި ކަމަށެވެ.
އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި ޝަބަތަކީ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ މެމްބަރުންގެ ގޮތުގައި ތިބި އަލްޖަޒީރާގެ ހަ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ކަމަށް މިދިޔަ އޮކްޓޫބަރު މަހު ފާހަގަވެފައިވާ މީހުންގެ ތެރެއިން މީހެއް ކަމަށެވެ. އެ މީހުންގެ ނަންތައް ފެނިފައި ވަނީ އަތުލައިގަތް ހަނގުރާމަވެރިންގެ ޓެބްލެޓްތަކާއި ޓެރަރިސްޓް ޓްރެއިނިން ކޯސްތަކުގެ ލިސްޓުތަކާއި ފޯނު ބޫކް އަދި ޣައްޒާއިން ފެނުނު މުސާރަވެރިންގެ ލިސްޓުތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު މިއިން އެއްވެސް ވާހަކަ އަކީ ތެދެއް ކަމެއް ނޭނގެ އެވެ. އަދި އަލް ޖަޒީރާގެ ނޫސްވެރިންނަކީ ހަމާސްގެ މެންބަރުން ކަމަށް ބުނެ މީގެ ކުރިން ދައްކާފައިވާ ވާހަކަތައް ވެސް އެ ނެޓްވޯކުން ވަނީ ދޮގުކޮށްފަ އެވެ.
އަލްޖަޒީރާގެ އޮޕަރޭޝަންތައް ހުއްޓުވަން އިޒްރޭލުން މިދިޔަ މެއި މަހުގެ ތެރޭގައި ނިންމައި އެ ނެޓްވޯކްގެ ޕްރެސް ކްރެޑިޑެންޝަލް ބާތިލްކޮށް، ޓްރާންސްމީޓަރުތައް ހިފަހައްޓައި، އެ ކުންފުނީގެ ވެބްސައިޓްތައް ބްލޮކޮށްފައިވެ އެވެ.
ފަލަސްތީނުގެ ޖާނަލިސްޓް ސިންޑިކޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަބަތާއި މަންސޫރުގެ މަރަކީ އިޒްރޭލުގެ ޓެރަރިޒަމްގެ ރެކޯޑަށް އިތުރުވި ޖަރީމާގެ އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މަގުސަދަކީ ހަގީގަތް އޮޅުވާލައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި މަސައްކަތްކުރާ އެންމެންނަށް ބިރު ދެއްކުން ކަމަށް ވެސް ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 206 އަށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުން މަރުވެފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.