16 މާޗް 2017 - 06:08

ޗައިނާގެ މި މީހާގެ މޫނުމަތީގައި 15 ވަރަކަށް ކިލޯގެ ބޮޑު ޓިއުމަރެއް އެބައިނެވެ. "އިލަފަންޓް މޭން"ގެ ނަމުން ބައެއް މީހުން އޭނާއަށް މުހާތަބު ކުރެ އެވެ. އޭނާގެ މޫނުގެ ސިފަ ގެއްލިފައިވާލެއް ބޮޑުކަމުން އޭނާއަށް މަލާމާތްކުރާ މީހުން އުޅުނަސް ޗައިނާގައި ހިނގާ ބިރުވެރި ކަންތައްތައް ދައްކާ ޝޯތަކުގައި އޭނާ ބައިވެރިކުރަން ވެސް ބައެއް މީހުން މަސައްކަތް ކުރެ އެވެ.

ހުއާންގް، 39، ގެ މޫނުގައި މި ބޮޑު ޓިއުމަރު ނަގައިގެން އެކަމުގެ ވޭނުގައި އުޅޭތާ 35 އަހަރު ވެއްޖެ އެވެ. އޭނާއާ ބެހޭ ގޮތުން ވަރަށް ގިނަ ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައިވެ އެވެ. އަދި ބައެއް ކަހަލަ ދިރާސާތަކަށް ވެސް އޭނާ ބޭނުންކޮށްފައިވެ އެވެ. މި މީހާގެ ބައްޔަކީ މެޑިކަލް ހިސްޓްރީގައި ވެސް މިހާތަނަށް ފެނިފައިވާ ނިއުރޯފައިބްރޯމެޓޯސިސް އެންމެ ގަދަޔަށް ޖެހިފައިވާ ކޭސް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ޔޮންގްޒިން ކައުންޓީގައި ދިރިއުޅޭ މި މީހާ އޭނާގެ މޫނުގައިވާ މި ބޮޑު ޓިއުމަރު ނެގޭތޯ ހަތަރު އޮޕަރޭޝަން ކޮށްފައިވެ އެވެ. ނަމަވެސް މިގޮތަށް ކުރި އޮޕަރޭޝަންތަކުން އެދެވޭ ނަތީޖާއެއް ނުފެނުނެވެ. އެންމެ ފުރަތަމަ އޭނާ ސާޖަރީ ހެދީ 2007 ގަ އެވެ.
މި އޮޕަރޭޝަންތައް ކުރުމުގެ ސަބަބުން ޓިއުމަރު ތަންކޮޅެއް ކުޑަވުން ފިޔަވައި އިތުރު އެއްވެސް ބަދަލެއް ނާދެ އެވެ. ނަމަވެސް އަދިވެސް މި ޓިއުމަރު ބެލެވެނީ މީހެއްގެ މޫނުގައި ހުރި މިފަދަ އެންމެ ބޮޑު ޓިއުމަރުގެ ދުނިޔޭގެ ރެކޯޑަށެވެ.
ކިތަންމެ އޮޕަރޭޝަނެއް ކުރިޔަސް ހުއާންގް ގެ ބޭރުފުށުން ފެންނަ ސިފައަށް ބަދަލެއް ނާދެ އެވެ. އެހެންވެ ބޭރަށް ނުކުމެ އުޅެން ވެސް އޭނާ ޖެހިލުންވެ އެވެ.
ހުއާންގް ދިރިއުޅެނީ އޭނާގެ އާއިލާ އާއެކުގަ އެވެ. އާއިލާގެ މީހުންނަށް މިހާރު އެ މޫނަކީ ދެކެފަރިތަ މޫނެކެވެ. އޭނާ އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ނަމަވެސް އަދިވެސް އާ ޓިއުމަރުތައް އުފެދެނީ ބިރުގަންނަން ޖެހޭ ފަދަ މިންވަރަކަށެވެ.
"އިލަފަންޓް މޭން"ގެ ނަމުން މުޚާތަބު ކުރިޔަސް އޭނާއަށް ޖެހިފައިވަނީ އިލަފަންޓް މޭން ސިންޑްރޯމެއް ނޫނެވެ. ނަމަވެސް ޖެހިފައިވާ ބައްޔަކީ އިލަފަންޓް މޭން ސިންޑްރޯމަށް ދޫކުރާ ވަރުގެ ބައްޔެއް ވެސް ނޫނެވެ. އަދި ބަލީގެ ސަބަބުން ހުއާންގް ދިރިއުޅުމުގެ އުންމީދު ދަނީ ގެއްލެމުންނެވެ.
ހުއާންގް ކުޑައިރު ހަތަރު ވަރަކަށް އަހަރު ވަންދެން ސްކޫލަށް ދިޔަ އެވެ. ނަމަވެސް ކުދިންގެ މަލާމާތްކުރުމާއި ބުލީކުރުން އިންތިހާއަށް ދިއުމުން އޭނާ ސްކޫލުން ކެނޑުނީ އެވެ. އޭނާ މިހާރު ދިރިއުޅެނީ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދިންނާ އެކުގަ އެވެ.