25 މާޗް 2025 - 03:37

ދެކުނު ކޮރެއާގައި ރޭޕްގެ ތުހުމަތު ކުރެވުނު މީހަކާ ދެކޮޅަށް ދޮންނަމެޝިނެއްގެ މަތިގަނޑުގެ އެހީގައި ހެކި ލިބި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
އުމުރުން 24 އަހަރުގެ އެ މީހާގެ މައްޗަށް ރޭޕާއި ޖިންސީ ގޯނާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ގިނަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭގެ ތެރެއިން އެއް މައްސަލައިގައި ރޭޕް ކުރިކަމުގެ ހެކި ލިބުނީ، ފްރަންޓް ލޯޑް ދޮންނަމެޝިނެއްގެ ދޮރުގެ ބިއްލޫރިގަނޑުގެ އެހީގަ އެވެ.
އޭނާ ރޭޕްގެ އަމަލުތައް ހިންގި މަންޒަރު މެޝިނުގެ ބިއްލޫރިގަނޑުގެ ރިފްލެކްޝަންގެ ސަބަބުން ކެމެރާއަށް ހުރީ އަރައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރި ޕްރޮސެކިއުޓަރުންނަށް އެކަން ފުރަތަމަ ފާހަގަނުވި ނަމަވެސް، މިދިޔަ އަހަރު ފޮރެންސިކް އެނަލަލިސިސް އިން އެކަން ފާހަގަވުމުން، ތުހުމަތުވި މީހާ ކުށަށް އެއްބަސްވި އެވެ.
އެ ގައުމުގެ ހައި ކޯޓުން ވެސް އިއްޔެ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި އަށް އަހަރުގެ ޖަލު ހުކުމް ހަތް އަހަރުގެ ހުކުމަކަށް ހައި ކޯޓުން ވަނީ ދަށްކޮށްފަ އެވެ. އެއީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުން ފަދަ ކަންކަމަށް ބަލައިގެންނެވެ.
ނަމަވެސް އޭނާ ޖަލުން މިނިވަންވުމަށްފަހު ވެސް ހަތް އަހަރު ވަންދެން ފައިގައި ޓެގް އަޅުވައިގެން އުޅެން ޖެހޭނެ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.