ޗެލްސީގެ ކުރީގެ ތަރި އެސިއެން އިންޑޮނީޝިއާ ލީގަށް
ޗެލްސީގެ ކުރީގެ ތަރި އެސިއެން އިންޑޮނީޝިއާ ލީގަށް

ލަންޑަން (މާޗް 14) – ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ގާނާގެ މައިކަލް އެސިއެން އިންޑޮނީޝިއާގެ ޕާސިބް ބަންޑުން އަށް ސޮއިކޮށްފި އެވެ.

އުމުރުން 34 އަހަރުގެ އެސިއެން އަކީ އިންޑޮނީޝިއާގެ ކްލަބަކަށް ސޮއިކުރި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔާ އެވެ.

އިންޑޮނީޝިއާ ލީގު ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޕާސިބް ވަނީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއު ރޭޑިއަންޓާ ވާދަކޮށްފަ އެވެ. އިންޑޮނީޝިއާގައި ކުޅުނު މެޗު 4-1 އިން ޕާސިބް ކާމިޔާބުކުރިއިރު މާލޭގައި އެ ޓީމު މޮޅުވީ 1-0 އިންނެވެ.

ޕާސިބާ އެކު އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ފަހު އެސިއެން ބުނީ އިންޑޮނީޝިއާ ލީގަށް ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގެނައުމަށް އެހީވާން ބޭނުންވާ ކަމަށާއި މިއީ އިންޑޮނީޝިއާ އާއި ޕާސިބަށް ރަނގަޅު ފެށުމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މި ކްލަބަށް އަހަރެން ގެނެސްދިނީތީ ޝުކުރުއަދާކުރަން. ވަރަށް އުފާވެފައި މިހިރީ އަދި އަހަރެންގެ ސަތޭކަ ޕަސެންޓް ދޭނަން،" އެސިއެން ބުންޏެވެ.

ފްރާންސުގެ ބަސްޓިއާ އިން 2000 ވަނަ އަހަރު ކެރިއަރު ފެށި އެސިއެން ވަނީ 2005 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ ފްރާންސުގެ އޮލިމްޕިކް ލިޔޯނަށް ވެސް ކުޅެފަ އެވެ. ޗެލްސީ އަށް ނުވަ އަހަރު އޭނާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެެވެ. މީގެ އިތުރުން އެފްއޭ ކަޕް ހަތަރު ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ.

ގާނާ ގައުމީ ޓީމަށް 2002 އިން 2014 އަށް 58 މެޗު ކުޅެފައިވާ އެސިއެން ވަނީ ޗެލްސީގެ ލޯނެއްގެ ދަށުން 2012/2013 ގައި ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ. އަދި ޖެހިގެން އައި ސީޒަނުގައި އިޓަލީގެ އޭސީ މިލާނަށް ކުޅުމަށް ފަހު އޭނާ އެންމެ ފަހުން ގުޅުނީ ގްރީސްގެ ޕެނެތަނައިކޮސް އަށެވެ.

ޔޫރަޕުގެ މަތީ ފަންތީގައި ކުޅުމަށް ފަހު ރިޓަޔާކުރާ ކުޅުންތެރިން އާއްމުކޮށް ގުޅެނީ އެމެރިކާގެ މޭޖާ ލީގާ ނުވަތަ މެދުއިރުމަތީގެ ގައުމެއްގެ ކްލަބަކާ އެވެ. އެކަމަކު ފަހަކަށް އައިސް ޗައިނާ ލީގާއި އިންޑިއަން ސުޕަ ލީގާ ކުޅުންތެރިން އަންނަނީ ގުޅެމުންނެވެ. މީގެ ތެރެއިން ޗައިނާގެ ކްލަބްތަކުން މިހާރު ބޮޑަށް ފޯކަސްކުރަނީ މަތީ ފެންވަރުގައި ކުޅެމުން އަންނަ ކުޅުންތެރިންނަށެވެ. އެގޮތުން ބްރެޒިލްގެ އޮސްކާ އާއި އިޓަލީގެ ގްރަޒިއާނޯ ޕެއްލޭ އަދި އާޖެންޓީނާގެ ކާލޯސް ޓެވޭޒް ފަދަ ކުޅުންތެރިން ވަނީ ބޮޑު އަގުގައި ޗައިނާ ލީގަށް ގެންގޮސްފަ އެވެ.

ފީފާ ރޭންކިންގެ 167 ވަނައިގައި އޮތް އިންޑޮނީޝިއާ އަކީ ފުޓްބޯޅައިގައި އޭޝިއާގެ އެންމެ މަތީ ފަންތީގެ ގައުމެއް ނޫނެވެ. ޑަޗް އީސްޓް އިންޑީސްގެ ނަމުގައި 1938 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ނަމަވެސް އެ ގައުމަށް އޭގެ ފަހުން ވޯލްޑް ކަޕާ ހަމަޔަށް ދެވިފައެއް ނުވެ އެވެ. އޭޝިއަން ކަޕުގައި ވާދަކުރި ހަތަރު ފަހަރު ވެސް، 1996، 2000، 2004 އަދި 2007 ގައި ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

ނެދަލެންޑްސް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އާސެނަލާއި ބާސެލޯނާ އަށް ކުރިން ކުޅުނު ޖިއޮވާނީ ވޭން ބްރޮންކޯސްޓަކީ އިންޑޮނީޝިއާ ދަރިކޮޅުގެ ކުޅުންތެރިޔެކެވެ. އިންޑޮނީޝިއާ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ޔޫރަޕުގައި މިވަގުތު ކުޅޭ ހަމައެކަނި ކުޅުންތެރިޔަކީ ނެދަލެންޑްސް އަށް އުފަން އަދި ނެދަލެންޑްސްގެ ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ސްޓެފާނޯ ލިލިޕަލީ އެވެ. އޭނާ ކުޅެނީ ނެދަލެންޑްސް ދެ ވަނަ ޑިވިޝަނުގަ އެވެ.