24 މާޗް 2025 - 11:53

އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ދެކުނު ކޮރެއާއާ ދެކޮޅަށް ހިތްވަރުގަދަ ދިވެހި ޓީމުން އެއްވަރު ކުރި ތާރީހީ މެޗަށް 20 އަހަރު ފުރުނު ދުވަހަށް ހާއްސަކޮށް "މިހާރު" ގައި މިދިޔަ އަހަރު ލިޔުނު ފީޗާ އަށް ގައުމީ ޓީމުގެ އޭރުގެ ހެޑް ކޯޗު ޕޯޗުގަލްގެ މެނައުލް ގޯމޭޒާއި އޭރުގެ އެސިސްޓެންޓް ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި) ގެ ކޮމެންޓެއް ހޯދަން މަސައްކަތް ކުރީމެވެ.

ކަން ދިމާކުރި ގޮތުން، އެ އާޓިކަލް ޕަބްލިޝް ކުރުމާ ހަމައަށް ދިޔައިރު ވެސް "މިހާރު" އިން ފޮނުވި މެސެޖަށް ސާންތި އަށް އޮތީ ބަލައި ނުލެވި އެވެ. ކެންސަރު ބަލީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިޔާވި ސާންތި، މިދިޔަ އަހަރުގެ މާޗްު މަހު ވެސް ދިޔައީ ފަރުވާގެ މަރުހަލާތައް ކުރިއަށްގެންދަމުންނެވެ.
"މިހާރު" ގެ މެސެޖަށް، އޭނާ އަށް ރިޕްލައި ކުރެވުނީ އެ ލިޔުން ޝާއިއުކުރިތާ ތިން ދުވަސް ފަހުންނެވެ.
މެސަޖް ބަލައި ނުލެވުމުން މައާފަށް އެދުނެވެ. ދެން ބުނީ އޭނާގެ ކޮމެންޓެއް އާޓިކަލްގައި ނުހިމެނި ނަމަވެސް އެ ލިޔުން ގެނެސްދީފައި އޮތް ގޮތް ވަރަށް ފުރިހަމަ ކަމަށެވެ.
"ވަރަށް އުފާވި އެ އާޓިކަލް ފެނުނީމަ. އަހަރެމެންގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދުވަސްވަރު ހަނދާންކޮށްދޭ ޕޮޒިޓިވް އާޓިކަލްއެއް ވަރަށް ގިނަ ދުވަހަށް ފަހު އަޅުގަނޑަށް މި ފެނުނީ،" ސާންތީ ލިޔުނެވެ.
ދެން ފޮނުވި މެސެޖްގައި ސާންތި، އެދުނީ ފުޓްބޯޅައިގެ ރަން ދުވަސްތައް އަލުން ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
ފުޓްބޯޅައިގެ ރަން ދުވަސްތައް އަލުން އަނބުރާ ގެނައުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑު އަބަދުވެސް އެކަމަށް އުއްމީދުކޮށް ދުއާ ކުރަން ދިވެހި ފުޓްބޯޅައިގެ ހާލަތު ރަނގަޅުވުމަށް އެދި،" އިނގިރޭސި ބަހުން ސާންތި ލިޔެފައި އޮތެވެ.
އެއީ އޭނާ އެންމެ ފަހުން "މިހާރު" ގެ ނޫސްވެރިންނަށް ފޮނުވި މެސެޖެވެ.
އުމުރުން 51 އަހަރުގައި ސާންތި ނިޔާވުމާ ހަމައަށް ވެސް އޭނާ ހުރީ ފުޓްބޯޅައިގެ ހިދުމަތުގަ އެވެ. ކްލަބްތަކުގެ މަންދޫބުންނާ އެކު އެފްއޭއެމުން އެކުލަވާލި ޓެކްނިކަލް ކޮމިޓީގައި އޭނާ ހިއްސާ އޮތެވެ.
ސާންތިގެ ނަން އެފްއޭއެމްގެ އެ ކޮމިޓީ އަށް ފޮނުވީ އެންމެ ކާމިޔާބު މަސައްކަތްތައް އޭނާ އެ ޓީމެއްގައި ކުރި ކްލަބް އީގަލްސްއިންނެވެ.
އީގަލްސްގެ ތެރެއިން މުޅިން އަލަށް ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ފުޓްބޯޅައިން ފުރުސަތު ހޯދައިދީ އެ ކުޅުންތެރިންގެ ތަރިންނަށް ހަދައިދިނެވެ.
އީގަލްސްގެ ތެރެއިން ސާންތި ފުޓްބޯޅަ އަށް ނެރެދީ، ތަރިންނަށް ހަދައިދިން ކުޅުންތެރިންގެ ލިސްޓެއް، އެ ކްލަބްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ) ހިއްސާ ކުރި އެވެ.
ޖުމުލަ 16 ކުޅުންތެރިން ހިމެނޭ ލިސްޓްގައި ގިނަ ތަރިންނަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އެންމެ ވިދުން ގަދަ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަހްމަދު ރިޒުވާން (ރިޒޭ) އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އިބްރާހިމް އައިސަމް (ޓޯނީ) އާއި ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އާއި ފޯވާޑް ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި މުހައްމަދު ނާއިމް ގޯލްކީޕަރު ހުސައިން ޝަރީފްގެ ނަން ވެސް ހިމެނެ އެވެ.
މިވަގަތު ފުޓްބޯޅައާ ދުރުގައި ތިބި ނަމަވެސް އަހްމަދު އިމާޒު (އާއްކޮ) އާއި އަންސަރު އިބްރާހިމް (އަންކޮ) އަކީ ވެސް ސާންތިގެ ބެލުމުގެ ދަށުން މޮޅު ކުޅުމެއް ދައްކައި ކުރިން ގައުމީ ޓީމުން ވެސް ޖާގަ ހޯދި ކުޅުންތެރިންނެވެ.