24 މާޗް 2025 - 04:56

ތުރުކީ ސަރުކާރުން އެކްސްގެ 700 އަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްދޭން އެދިފައިވާ ކަމަށް އެ ޕްލެޓްފޯމުން ބުނެފި އެވެ.
އެކްސް އިން މިހެން ބުނެފައި މި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭން ކަމަށް ބުނެ އީލޮން މަސްކް މިލްކުކޮށްފައިވާ އެކްސް އިން ތުރުކީ ސަރުކާރާ ދެކޮޅު އެތައް ބައެއްގެ އެކައުންޓްތައް ސަސްޕެންޑްކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
"ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީން ތުރުކީގެ ނޫސް ޖަމިއްޔާތަކާއި ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކާއި ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުގެ 700 އަށް ވުރެ ގިނަ އެކައުންޓު އެ ގައުމަށް ބްލޮކް ކުރުމަށް ގިނަ ކޯޓު އަމުރުތަކެއް ނެރެފައި ވާއިރު އެ އަމުރުތައް ތަންފީޒުކުރުމަށް ވާނީ އިއުތިރާޒުކޮށްފައި،" އެކްސްގެ ކޮމިއުނިކޭޝަން ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެކްސް އިން ބުނީ ތުރުކީ ސަރުކާރުގެ މި އަމުރުތައް ގާނޫނާ ހިލާފް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މިއީ ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި ސިޔާސީ ފިކުރާއި މައުލޫމާތަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ.
އެކްސް އިން މިހެން ބުނެފައި ވާއިރު ބައެއް އެކައުންޓްތައް ސަސްޕެންޑް ކުރުމަށް ފަހު ވަނީ އެއީ ސައްހަ ނޫން މައުލޫމާތު ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތައް ކަމަށް ބުނެފަ އެވެ.
އެކައުންޓްތައް ސަސްޕެންޑްކޮށްފައި ވަނީ ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމަމޮގްލޫ މި ހަފުތާގެ ކުރީކޮޅު ހައްޔަރުކުރުމާ އެކި މުޅި ގައުމުގައި މުޒާހަރާތައް ފަށާފައި ވަނިކޮށެވެ. ޓެރަރިޒަމްގެ ތުހުމަތުކޮށް އޭނާ ހައްޔަރުކުރީ އިދިކޮޅު މައި ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ނޮމިނޭޓް ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.