24 މާޗް 2025 - 00:10

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އޮކްޓޫބަރު 2023 އިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 50،021 އަށް އަރާފައިވާ ކަމަށް ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
"އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 50،021 އަށް އަރާފައި ވާއިރު 113،274 މީހުން ވަނީ ޒަހަމްވެފައި،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ވެސް އެ އިދާރާގެ އަމިއްލަ ރެކޯޑްތަކާ ހަވާލާދީ ބުނެފައި ވަނީ ޝަހީދުވި މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
މި އަދަދުތަކާ މެދު އިޒްރޭލުން ސުވާލު އުފެއްދިޔަސް އދ. އިން ވެސް ބުނަމުން އަންނަނީ މިއީ ސައްހަ އަދަދުތަކެއް ކަމަށެވެ.
ޝަހީދުވާ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާން ފެށީ މިދިޔަ ހަފްތާއިން ފެށިގެން އިޒްރޭލުން ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ދޭން ފެށުމާ އެކުގަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 39 މީހަކު ޣައްޒާއިން ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ފެށި މި ހަމަލާތަކުގައި ޝަހީދުވި އަދަދު ވަނީ 673 އަށް އަރައިފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި ކަމަށް މިހާތަނަށް ބެލެވޭ ފަހުގެ އަދަދުގައި ކުރިން ގެއްލުނު ކަމަށް ބެލެވޭ 233 މީހުން ވެސް ހިމެނޭ ކަމަށެވެ.
އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލް "ދަ ލާންސިޓް" ގައި ޖެނުއަރީ މަހުގެ ކުރީކޮޅު ޝާއިއުކުރި ދިރާސާއެއްގައި އަންދާޒާކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި މަރުވި މީހުންގެ އަދަދު ޣައްޒާގެ ހެލްތު މިނިސްޓްރީން ރެކޯޑްކޮށްފައިވާ އަދަދަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރުވާނެ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި 1،218 މީހުން މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. އެކަމަކު ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.