ހުޅުމާލެ އިން ވިލާ އަށް ދިން އިތުރު ބިމެއްގެ މައްސަލަ ވެސް ވިލާއާ ދެކޮޅަށް ނިންމައިފި
ހުޅުމާލެ އިން ވިލާ އަށް ދިން އިތުރު ބިމެއްގެ މައްސަލަ ވެސް ވިލާއާ ދެކޮޅަށް ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ހުޅުމާލެ އިން ދޫކުރި ބިމެއް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ނިންމާފައި ވަނިކޮށް އެފަދަ އިތުރު ބިމެއްގެ މައްސަލަ ވެސް ވިލާއާ ދެކޮޅަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިނާއީ މަސައްކަތް ކުރުމަށް ހުޅުމާލެ އިން 2005 ގައި ވިލާ އަށް ދޫކުރި ބައެއް ބިންތައް ސަރުކާރުން ވަނީ 2015 ގައި އަތުލައިފަ އެވެ. އެ ތަންތަން އަތުލީ އެ ތަނުގައި ވިލާ އިން ފަށަންޖެހޭ ސިނާއީ މަސައްކަތްތައް ނުފަށާތީ އެވެ.

އޭގެ ތެރެއިން އެއް ބިމުގެ މައްސަލާގައި ވިލާއާ ދެކޮޅަށް ހައި ކޯޓުން މިދިޔަ މަހު ހުކުމްކޮށްފައި ވަނިކޮށް އޭގެ އިތުރު ބިމެއްގެ މައްސަލައިގައި ވިލާއާ ދެކޮޅަށް އެ ކޯޓުން މިއަދު ހުކުމްކުރީ ވިލާއާ އެއްކޮޅަށް ދަށު ކޯޓުން ނިންމި ނިންމުން ބާތިލްކޮށްފަ އެވެ.

ދަށު ކޯޓުން ވިލާއާ އެއްކޮޅަށް ކުރި ހުކުމް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްތިިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ބިމުގައި ސިނާއީ މަސައްކަތް ފެށުމަކީ އެއްބަސްވުމުގެ ދަށުން ވިލާގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެ މަސައްކަތް ފަށަންޖެހޭ މުއްދަތެއް އެއްބަސްވުމުގައި ނެތަސް، 2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަ އަށް އެއްވެސް މަސައްކަތެއް ނުކޮށް ވިލާ އިން އެ ބިން ބާއްވާފައިވާ އިރު ސިނާއީ މަސައްކަތްތައް ފަށަން ވިލާ އަށް އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް ހުކުމުގައިވެ އެވެ.

މީގެެ އިތުރުން އެއްބަސްވުމުގެ ދަށުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރަން އެންގުމަކީ އެޗްޑީސީގެ އިހްތިޔާރުގައި އޮތް ކަމެއް ކަމަށާއި އެ ގޮތަށް އެންގުމެއް ނެތި ވެސް އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އެޗްޑީސީ އަށް އޮންނާނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ ބިމުގެ މައްސަލާގައި ވިލާއާ އެއްކޮޅަށް ހުޅުމާލޭ ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ހުޅުމާލެ އިން ވިލާ އަށް ދޫކުރި އިތުރު ބިންތަކެއް އަތުލި މައްސަލައިގައި ވިލާއާ އެއްކޮޅަށް ހުޅުމާލޭ ކޯޓުން ކުރި ހުކުމްތަކުގެ އިތުރު މައްސަލަތަކެއް ވެސް ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

ހުޅުމާލެ އިން ދިން ބިންތަކުގެ އިތުރުން ރިސޯޓް ހެދުމަށް ވިލާ އަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ވެސް 2015 ގައި ސަރުކާރުން އަތުލި އެވެ. އެ މައްސަލަތަކުގައި ވިލާއާ އެއްކޮޅަށް ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިހާތަނަށް ނިމުނު އޭގެ ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ ދެކޮޅަށެވެ.