23 މާޗް 2025 - 21:37

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ސ. މަރަދޫ، ފޯ ފްލާވާ، އިބްރާހިމް ޝަމްވީލް ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ހަވީރު 4:20 ހާއިރު ކަމަށެވެ.
އުމުރުން 23 އަހަރުގެ ޝަމްވީލް ފެނުމާ އެކު، ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި 4:55 ގައި އެ ޒުވާނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައިފަ އެވެ.
ޝަމްވީލްއަކީ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދައްކައި، އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.
އޭނާ މަރުވުމުން ވަގުތުން އާއިލާ އަދި ފުލުހުންނާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި އެޗްއާރުސީއެމާއި އެންއައިސީއަށް ވަނީ އަންގާފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.