23 މާޗް 2025 - 14:06

ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލަސީމިއާ މީހުންނާއި އާއިލާތަކުން ރޭ ކުރި މުޒާހަރާއި ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

އެކަން ރައީސް އޮފީހުން ބުނީ، ރޭގެ މުޒާހަރާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށް ފަހު އެވެ.

"އާއިލާތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، މިހާރުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅަން މިހާރު ވަނީ ފައްޓަވާފައި،" ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރީ ރޭ އެ ތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހާލަތު ބައްލަވާލެއްވި ކަމަށެވެ.

އެވަގުތު އެ ތަނުގައި ލޭ އަޅަން ގޮސް ތިބި ކުދިންގެ އާއިލާތަކާ ރައީސް ވާހަކަފުޅު ދައްކަވައި، އެ އާއިލާތަކުގެ ކަންބޮޑުވުންތަކަށް މިވަގުތުން ފެށިގެން ހައްލު ކުރުމަށާއި އެ ކުދިންނަށް ދިމާވާ ހުރިހާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ އިތުރުން ޒަމާނުއްސުރެ ތެލަސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނެތުމުން އެ ހުރިހާ މައްސަލައަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ތެލަސީމިއާ ސެންޓަރަށް ވަޑައިގަތެވެ.
ރޭގެ މުޒާހަރާގައި އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބޭނުންކުރާ ފިލްޓަރު ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.